ކ. މާލެ
|
7 މެއި 2024 | އަންގާރަ 09:07
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ރޮއިޓާސް
ޔާގެން ކްލޮޕް
އަހަރެން ހުރެފިނަމަ އަންނަ ސީޒަން މާ ގޯސްވާނެ: ކްލޮޕް
 
ތަށި ހޯދައިދޭނީ ވެސް ތަށި ގެއްލުވާލަނީ ވެސް ކުޅުންތެރިން

ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލްގެ ކޯޗަކަށް އޭނާ ހުރެފިނަމަ މި ސީޒަނަށްވުރެ ނަތީޖާ މާގޯސްވާނެ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސީޒަނުގެ ފަހު 10 މެޗަށް އެޅުނުއިރު ވެސް ޓޭބަލުގެ އެއްވަނާގައި އޮތް ޓީމު މަޑުމަޑުން ފަހަތަށް ދަމުން ގޮސް ލީގު ނިމެން ތިން މެޗަށްވިއިރު ތިން ވަނާގައި އޮތުމުންނެވެ. މި ސީޒަނުގެ ކަރަބޯ ކަޕް ކާމިޔާބުކުރި ލިވަޕޫލަށް ޕްރެމިއާ ލީގާއި ޔޫރޮޕާ ލީގް އަދި އެފްއޭކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ބަންދުވީ ގާތްގާތުގައި ނެރުނު ދަށް ނަތީޖާތަކަކާއެކު އެންމެ 10 ވަރަކަށް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް ޓޮޓެންހަމް 4-2އިން ބަލިކުރި މެޗަށް ފަހު ކްލޮޕް ބުނީ މި ސީޒަނަށް ފަހު ކޯޗުކަމުން ވަކިވާނެކަން މި ސީޒަނުގެ ކުރީކޮޅު އޭނާ އިއުލާނުކުރީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

މިހާރުނަމަ ޓީމު އެބަ ނަތީޖާ ނެރޭ. ބައެއް މެޗުތައް ވަރަށް ގޯސްކޮށް ދިޔަ ނަމަވެސް. އެކަމަކު އަހަރެންނަށް ޔަގީން އަހަރެން މަޑުކޮށްފިނަމަ އަންނަ ސީޒަން މިއަށްވުރެ ގޯސްވާނެ. ޓީމަށް ބަދަލުތަކެއް ބޭނުންވޭ
ކްލޮޕް

2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވުމަށްފަހު ފުޓްބޯޅައިގެ ހުރިހާ ތައްޓެއް އެކުލަބަށް ހޯދައިދިން ކްލޮޕް ބުނީ އޭނާގެ ފެންވަރަށްވުރެ ޓީމު ކުރިއެރުމުން އަބަދުވެސް ބްރޭކަށް ނަގަންޖެހޭ ކަމަށާއި ލިވަޕޫލް މިހާރު އޮތީ ދެން ޓީމާ ހަވާލުވާ ކޮންމެ ކޯޗަކަށް ވެސް ދަތިތަކެއްނެތި ނަތީޖާ ހޯދޭ ފެންވަރުގައި ކަމަށެވެ.

ހަގީގަތަށް ބުނާނަމަ އަހަރެން ހަވާލުވެގެން އަށް އަހަރުތެރޭގައި ހުރިހާ ތައްޓެއް ލިބިއްޖެ. މިހެންވެ މި ސީޒަން ފެށިއިރު ވެސް އަހަރެން ބުނިން މިއީ އަހަރެންގެ ކޯޗުކަމުގައި ފަށާ ދެ ވަނަ ޕްރޮޖެކްޓޭ. ފުރަތަމަ ޕްރޮޖެކްޓް ވަރަށް ކާމިޔާބުކަމާއެކު ނިމިއްޖެ. އެކަމަކު އަހަރެންނަށް އިހުސާސްވާން ފެށީ މި ޓީމަށް އާ ހިޔާލާއި އިތުރު ހަކަތަ ބޭނުންވާކަން. އެކަމަަށް އެންމެ ރަނގަޅު މީހަކީ އަހަރެންކަމުގައި ނުވެދާނެކަން. މިހެންވެ އަހަރެން ވަކިވާކަން އިއުލާނުކުރީ
ކްލޮޕް

އޭނާ ބުނީ ޕްރެމިއާ ލީގުގެ ތިން ވަނާގައި މި ސީޒަން ނިންމާލެވުނަސް އެއީ ބޮޑު ކާމިޔާބީއެއް ނޫން ކަމަށާއި ބޭނުންވަނީ ތަށި ހޯދަން ކަމަށެވެ. އަދި އެބާރު ލިބިފައި އޮވެ ހުރިހާ އެއްޗެއް އަތުން ދޫވެގެން ދިޔައީ ކޮންމެވެސް ކަންތައްތަކެއް ގޯސްވެގެން ކަމަށާއި އެކަމާ އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ ޓީމު ތައްޓާ ގާތަށް ގެނައީ ވެސް ކުޅުންތެރިން ކަމަށާއި ތަށީ ނުލިބޭނީ ވެސް އަދި ލިބޭނީ ވެސް އެމީހުންގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް