ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 19:26
ޖޯ ބައިޑަން އަދި ސައުދީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން
ޖޯ ބައިޑަން އަދި ސައުދީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން
ސީ.އެން.އެން
ސައުދީން އިޒްރޭލާ ގުޅުން ގާއިމުކުރުން
އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމަށް ސައުދީން އެއްބަސްވަނީ!
 
އެމެރިކާއިން ބުނެފައިވަނީ ސައުދީ އާ އެކު ހަދާ އެއްބަސްވުމަކީ މެދުއިރުމަތީގެ ސުލްހަ ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގަ
 
އެއްބަސްވުމުގެ ދަށުން އެމެރިކާއިން ސައުދީ އަރަބިއްޔާއަށް ސެކިއުރިޓީ ގެރެންޓީ ދިނުމާއި، ނިއުކްލިއަރ ރޮގުން ސައުދީއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ

އެމެރިކާގެ ރައީސް ބައިޑްންގެ ސަރުކާރުން ސައުދީ އަރަބިއްޔާއާ އެކު މުހިންމު އެއްބަސްވުމަކަށް އައުމަށް ކުރެވެމުންދާ މަސައްކަތް ނިމުމަކާ ގާތައް ވަނީ އައިސްފައެވެ.

އެއްބަސްވުމުގެ ދަށުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، އެމެރިކާއިން ސައުދީ އަރަބިއްޔާއަށް ސެކިއުރިޓީ ގެރެންޓީ ދިނުމާއި، ނިއުކްލިއަރ ރޮގުން ސައުދީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިކަންކަމުގެ ބަދަލުގައި ސައުދީ އަރަބިއްޔާއިން އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން ޖެހެއެވެ. ސައުދީ އާއި އިޒްރޭލްގެ ގުޅުން ބަދަހި ކުރުމުގެ ވާހަކަތަކަކީ މީގެ ކުރިންވެސް އަޑު އަރާފައިވާ ކަމެކެވެ. އެހެން ނަމަވެސް މިހާ ހިސާބަށް އެކަން އޮތީ ހަގީގަތަކަށް ނުވެފައެވެ.

އެމެރިކާއިން ބުނެފައިވަނީ ސައުދީ އާ އެކު ހަދާ އެއްބަސްވުމަކީ މެދުއިރުމަތީގެ ސުލްހަ ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ. އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާ އާ ހަމަ އަށް އާދެވިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އަދިވެސް މިކަމުގައި ހުރި ގޮންޖެހުންތައް އެބަހުއްޓެވެ. މިގޮތުން ހަމާސް އިން އިޒްރޭލަށް އޮކްޓޯބަރ 7 ގައި ދިން ހަމަލާއާ ގުޅިގެން ފަލަސްތީން އިޒްރޭލް ހަނގުރާމަ އިތުރަށް މި ދަނޑިވަޅުގައި ހޫނުވެފައިވުން ފާހަގަ ކުރެވެއެވެ. އެހެން ކަމުން އިޒްރޭލުން މި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒް ކުރަން އިންކާރު ކުރުމަކީ މިދަނޑިވަޅަށް ބަލާއިރު އެކަށީގެންވާ ކަމެއްކަމުގައި އޮތީ ބެލެވިފައެވެ.

ކަން މިހެން އޮތުމާއެކުވެސް އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން ބޭނުންވަނީ އިތުރު ފަރާތެއްގެ ބައިވެރިވުން މި ވަގުތަށް ނެތަސްވެސް އެމެރިކާ އާއި ސައުދީ އާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ގޮތުގައި އެއްބަސްވުން ބާއްވާށެވެ.

އެއްބަސްވުމުގެ ޑްރާފްޓްގައި ވާގޮތުން ސައުދީ އަރަބިއްޔާގެ ދިފާއު އެމެރިކާއިން ކަށަވަރުކޮށްދޭނެއެވެ. އެއާ އެކު އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު ސައުދީއަށް އެމެރިކާއިން ފޯރުކޮށްދޭނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ ހަތިޔާރު ގަތުމަށް ސައުދީން ޗައިނާ އަށް ބަރޯސާވުން ނިމުމަކަށް އައުމެވެ. މީގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލްކަން ސައުދީގައި އުފެއްދުމަށް އެމެރިކާއިން އެހީވެދޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ ސައުދީ އެއްބަސްވުމުގެ އެންމެ ފުޅާ ނަތީޖާ ހާސިލްވަނީ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ އެ އެއްބަސްވުން ގަބޫލު ކުރެއްވުމުންނެވެ. އެއާއެކު ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި، ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަންނަން ޖެހޭނެއެވެ. އެހެން ނަމަވެސް މިކަންކަމަކީ މިހާތަނަށް އިޒްރޭލުން އެއްބަސްވާން ބޭނުން ނުވާ ކަންކަމުގެ ގޮތުގައި އޮތީ ފާހަގަ ކުރެވިފައެވެ.

އެމެރިކާގެ އޮފިޝަލުން ދެކޭ ގޮތުގައި މި ފުރުސަތުގެ ބޭނުން ނަތަންޔާހޫ ހިއްޕަވާ، ސައުދީ އާ އެކު ސިޔާސީ ގުޅުން އިޒްރޭލުން ގާއިމް ކުރުމަކީ އިޒްރޭލަށް އޮތް އެންމެ ފައިދާބޮޑު ގޮތެވެ.

ސައުދީ އެމެރިކާގެ މި އެއްބަސްވުމުގެ އެހެން މަގްސަދެއްވެސް އެބައޮތެވެ. އެއީ މެދުއިރުމަތީގައި ޗައިނާގެ ނުފޫޒް ގަދަވަމުން ދިއުން ކޮންޓްރޯލް ކުރުމެވެ. މެދު އިރުމަތީގައި އަދި އިސްލާމީ ދުނިޔޭގައި ނުފޫޒް ގަދަ ސައުދީ އަރަބިއްޔާ އެކު އެމެރިކާ އިން މިފަދަ އެއްބަސްވުމަކަށް އައުމާއެކު ސަރަހައްދުގައި ޗައިނާގެ މުހިންމުކަން ކުޑަވެގެންދާނެ ކަމަށް އެމެރިކާ އިން ގަބޫލު ކުރެއެވެ. އޭގެ އިތުރުން އީރާނުން އިޒްރޭލަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަ ކުރުން މި އެއްބަސްވުމުގެ ބޭނުންތަކުގެ ތެރޭގައި ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
50%
0%
0%
50%
0%
0%
ކޮމެންޓް