ކ. މާލެ
|
3 މެއި 2024 | ހުކުރު 19:34
ބަޔަކު ސިއްހީ ފަރުވާ ހޯދަނީ
ބަޔަކު ސިއްހީ ފަރުވާ ހޯދަނީ
ރާއްޖެއެމްވީ
ޑެންގީހުން ފެތުރޭ މިންވަރު
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
ހުން މަޑުކުރުމަށް ފެރަސެޓަމޯލް ނޫން ބޭހެއް ކައިގެން ނުވާނެ
ހުން މަޑުވުމަށްފަހު އިތުރަށް ވަރުބަލިވެ، ހޮޑުލެވި ކަމަށްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ
މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އެއް އަހަރު ނުވާ ދެކުއްޖަކު މިބަލީގައި އެޑްމިޓްކޮށްފައިވޭ

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެންނަ ކަމަށާއި، މި ބަލި ޖެހޭ މީހާ ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއްދީގެން ބަލަންޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ޑރ.ފައިސަލް ވިދާޅުވީ ޑެންގީގެ ކޭސްތައް އަބަދުވެސް ފެންނަމުންދާ ކަމަށާއި، މިމަހުގެ 1 ވަނަ ދުވަހުގެރޭ އެއް އަހަރު ނުވާ ދެކުއްޖަކު މިބަލީގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެޑްމިޓް ކުރަނީ ނުރައްކާތެރި އަލާމަތްތައް ފެނުމުން ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ޑެންގީ ވެސް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ޑރ.ފައިސަލް ވިދާޅުވީ ޑެންގީ ހުމުގައި ނުރައްކާވަނީ ހުން މަޑުވެ ފުރަތަމަ 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ހުން މަޑުވުމުން ދެދުވަސްވަރު އިތުރަށް ސަމާލުވާންޖެހޭ ކަމަށް ޑރ.ފައިސަލް އިލްތިމާސްކުރެއްވިއެވެ. އަދި ވިދާޅުވީ ހުން މަޑުވުމަށްފަހު އިތުރަށް ވަރުބަލިވެ، ހޮޑުލެވި އެހެނިހެން އަލާމަތްތައް ފެންނަ ކަމަށްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ.

Advertisement

ޑރ.ފައިސަލް ވިދާޅުވީ ޑެންގީ ހުން ތިން ކެޓަގަރީއަކަށް ބަލާ ކަމަށެވެ. ފުރަތަމަ ކެޓަގަރީއަކީ ހުން އައުމާއި، ގައިގައި ރިއްސުމެވެ. މި މީހުންނަށް ގޭގައި ފަރުވާ ދެވޭނެއެވެ. ނުރައްކާ އަލާމަތްތަކުގެ ތެރޭގައި ދިޔާ އެއްޗެހި ނުބޮވި ޑީހައިޑްރޭޑްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ކެޓަގަރީގައި ލޭނާރުގައި ހުންނަ ފެންތައް ބޭރުވެ، ބްލަޑް ޕްރެޝަރު ދަށަށް ދާނެ ކަމަށާއި، މިއީ ޝޮކަށް ދިއުމުގެ މަރުހަލާ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ތިން ވަނަ ކެޓަގަރީއަކީ ސިވިއަރ ޑެންގީ ކަމަށެވެ. ތިން ވަނަ ކެޓަގަރީގައި ބޭރަށް ލޭ އަންނަ ތަން ނުފެންނާ ކަމަށާއި، ލޭ އެޅޭނީ ފުއްޕާމެއަށް ކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ. އަދި ބައެއް ހާލަތުގައި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް އަސަރުކޮށް ގެއްލުންވާ ކަމަށާއި، އެހިސާބުން މީހާގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

މިއަންނަ ދެކަމަކީ ހަގީގަތުގައި ލޭނާރުގައި ހުންނަ ފެންތައް ބޭރުވެގެން ގޮސް ބްލަޑް ޕްރެޝަރު ދަށްވުން. އެއަށް މިކިޔަނީ ޝޮކް. ޝޮކަށް ދިއުމާއި އޭގެ އިތުރުން ލޭއައުން ބޮޑަށް ދެ ކެޓަގަރީއަކަށް އަޅުގަނޑުމެން މިބަހާލަނީ. ޝޮކްގެ އަލާމާތަކީ ހިނގާބިގާވެ ނޫޅެވުން، ވަރުބަލިވުން، އަތްފައި ފިނިވުން ގަނޑުވުން އައިސްފެން ގަނޑެއް ގަނޑުވާނެ. މީހާގެ ކުލަ ބަދަލުވެ ނޭވާލާން އުދަނގޫވެ މިކަހަލަ އަލާމާތްތައް ފެންނަނީ. ބަނޑު ފުއްޕުމާއި. ދެން ލޭއައިސްފާނެ ނޭފަތުން، ހިރުގަނޑުން ދެން ހޮޑުލާއިރު ވެސް އައިސްދާނެ ބައެއް ފަހަރު ބޮޑުކަމުދާއިރު ވެސް އައިސްދާނެ. ސީދާ ކަޅުކުލައިގައި ވެސް އައިސްދާނެ. ހަމުގައި ވެސް ތިކިތަކެއް ވެސް ލޭ ހުރެދާނެ. މިކަހަލަ އެއްވެސް އަލާމާތެއް ހުރެއްޖެއްޔާ އަވަހަށް ޑޮކްޓަރަށް ދައްކަންވާނެ. ތިންވަނަ ދުވަހު ރަނގަޅުވާނީ ދެން ހުންނާނީ އެންމެ ނުރައްކާތެރި ކެޓަގަރީ. އެއީ ސިވިއަރ ޑެންގީ. ސިވިއަރ ޑެންގީގައި މިވާ ގޮތަކީ މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ތިން ވައްތަރެއްގެ އަލާމާތެއް ހުންނާނެ. އެކައްޗަކީ ބްލަޑް ޕްރެޝަރު ދަށްވެގެން ގޮސް އައިވީ ގުޅާ، ލޭއަޅަން ޖެހޭ ހިސާބު. ލޭ އައުމެއް ނުފެނި. ބޭރަށް ނުފެނޭ. ބަނޑުތެރެއަށް ފުއްޕާމާތެރެއަށް ލޭ އެޅޭއިރުގައި ނުފެންނާނެ މީހާއަކަށް. އެ ހުންނަ ގުނަވަނަށް އަސަރު ކުރުމުން އެއީ ވެސް ސިވިއަރ.
ޑރ. އަހުމަދު ފައިސަލް / އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ

ޑރ.ފައިސަލް ވިދާޅުވީ ޑެންގީ ހުމުގައި ފިޓް ޖެހި މީހާ ކޯމާއަށްދާ ފަހަރުވެސް އަންނަ ކަމަށެވެ. އެހެންކަމުން ޑެންގީގައި ހުން މަޑުވުމުން، ދެދުވަސް ވަރު ޚާއްސަ ސަމާލުކަމެއްދީގެން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުން މަޑުކުރުމަށް ޕެރަސިޓަމޯލް ނޫން ބޭހެއް ކައިގެން ނުވާނެ ކަމަށާއި، ބްރޫފަން ފަދަ ބޭސްތައް ބޭނުކުރުމުން އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް