ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 21:14
ތިލަފުށި
ތިލަފުށި
އެމްޓީސީސީ
ތިލަފުށިން ދިވެހިންނަށް ބިން ވިއްކަން ހުޅުވާލުން
ސިނާއީ ބޭނުމަށް ތިލަފުށީގެ 1 އަދި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި
 
ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވޭ
 
ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތައް

ސިނާއީ ބޭނުމަށް ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން އެޗްޑީސީން ބުނީ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ހުޅުވާލާފައިވާކަމަށެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލިއިރު ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ:

  • ޓައިޕް 1 :
  • ބިމުގެ ބޮޑުމިން : 4999 - 2500 އަކަފޫޓް
  • ބިމުގެ އަދަދު: 64
  • ޓައިޕް 2:
  • ބިމުގެ ބޮޑުމިން : 9999 - 5000 އަކަފޫޓް
  • ބިމުގެ އަދަދު: 42
  • ޓައިޕް 3:
  • ބިމުގެ ބޮޑުމިން : 14999 - 10000 އަކަފޫޓް
  • ބިމުގެ އަދަދު: 2

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ.  ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.

ވީމާ، ޝައުގުރެވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ކޯޕަރޭޝަންގެ ބިޑް ޕޯޓަލް (https://bids.hdc.mv)މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ މި ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ. އެހެންކަމުން، ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެވުމަށްފަހު [email protected] އަށް އީމެލް ކުރެއްވުން އެދެމެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް  މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން ރަށެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް