އުތުރު ކޮރެެއާ އިން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުުމުގެ ޕްރޮގްރާމާ ގުޅިގެން އެމެރިކާ އިސްވެ އޮވެ އުތުރު ކޮރެއާ ދެކޮޅަށް، އދ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އުތުރު ކޮރެއާ އިން އޭގެ ރައްދު ދޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ "އޭގެ އަގު އެމެރިކާ އިން ދައްކަން ޖެހޭނެ ކަމަށާއި" ސެކިޔުރިޓީ ކައުންސިލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.
އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ގަރާރު އދ. ގެ ސެކިޔުރިޓީ ކައުންސިލުގެ އިއްތިފާގުން ފާސްކުރީ ހޮނިހިރު ދުވަހުއެވެ.
އދ އިން އުތުރު ކޮރެއާ އަށް އެޅި އާ ފިޔަވަޅުތަކާއި ގުޅިގެން އެގައުމުން އެކްސްޕޯޓު ކުރާ މުދަލުން ލިބޭ ނަފާގެ ބޮޑު ބައެއް ދަށްވެގެން ދާނެއެވެ.
އުތުރު ކޮރެއާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅިއަސް އެގައުމުން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާއި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާނުލާނެ ކަމަށެވެ.
އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން ދެކޮރެއާ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ. މަސްރަހު ފިނިކުރުމަށް ދެކުނު ކޮރެއާ އިން އުތުރު ކޮރެއާއަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފައިވާ ކަމަށް ދެކުނު ކޮރެއާ އިން ވަނީ ބުނެފައެވެ.
ދާދިފަހުން އެމެރިކާ އިން ބުނެފައި ވަނީ އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށެވެ. އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ" ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރުކޮރެއާ އާއި ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވަނީ ވިދާޅުވެފައެވެ.