މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލާފަދަ އެއްވެސް އެއްބަސްވުމަށް އެއްބަސްނުވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިމޭރުމުން ވާހަކަދައްކާފައިމިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އިސްރާއީލަށް މިހާރު ކުރަމުންގެންދާ ދަތުރުގެ ތެރެއިން ބްލިންކަން އާ ބައްދަލުކޮށެވެ.
އިސްރާއީލުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސް އިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް އިސްރާއީލުން އެއްބަހެއް ނުވާނެއެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުން އޮތީ ރަފަހަށް އަރައިގަތުމަށް ތައްޔާރަށްކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.
ބްލިންކަން މިހާރު އިސްރާއީލަށް ކުރަމުންދާ ދަތުރުގައި އިސްރާއީލާއި ހަމާސް އާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށާއި އިސްރާއީލުން ރަފަހަށް އަރާނެކަމަށް ބުނަމުންދާތީ އެކަމާއި އެމެރިކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުންނެވެ. މީގެއިތުރުން ބްލިންކަންގެ މިދަތުރުގައި އަންނަނީ ސުލްހައިގެ އެއްބަސްވުމަށް ހަމާސް އިން އެއްބަސްވުމަށްވެސް ބާރު އަޅަމުންނެވެ. އެގޮތުން ބްލިންކެން ގެންދަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ހަމާސްއަށް ރަނގަޅު ހުށަހެޅުމެއް މޭޒުމަތީގައި އޮތް ކަމަށް ބުނެ އެކަމަށް ބާރު އަޅަމުންނެވެ.
ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލާ ގޮތަށް އެކުލަވާލާފައިވާ މި އެއްބަސްވުމަށް ހަމާސް އިން އެއްބަސްވެއްޖެކަމަށްވާނަމަ މިކަމަކީ ނަތަންޔާހޫއަށް ނުރައްކާވާނެ ކަމެކެވެ. ސަބަބަކީ ޣައްޒާގައި ދިގު މުއްދަތަކަށް ހަމަޖެހުން ގާއިމުވެގެންދާނެތީއެވެ.
އަދި ހަމާސް ބަލިވެގެން ޣައްޒާގެ ހަނގުރާމަ ނުނިމިއްޖެނަމަ ނަތަންޔާހޫ މަގާމުން ވައްޓާލާނެ ކަމުގެ އިންޒާރު އޭނާގެ ކަނާތު ކެބިނެޓް މެމްބަރުން ދީފައިވާތީއެވެ. ނަތަންޔާހޫ މަގާމުން ދުރުވެ އިސްރާއީލަށް އިންތިޚާބަށް ދާން މަޖުބޫރުވެއްޖެ ނަމަ ބޮޑުވަޒީރުކަމުގެ މަގާމު ނަތަންޔާހޫއަށް ލިބުމަކީ ވަރަށްވެސް ދުރުކަމެކެވެ.
އިސްރާއީލުން މިފަހަރު ހުށަހަޅާފައިވާ ހުށަހެޅުމުގައި ޣައްޒާއަށް ހަގީގަތުގައިވެސް ލުއިތަކެއް ލިބޭކަމަށް ބޭރުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހަމާސް އިން ބުނާގޮތުގައި އިސްރާއީލުގެ މިހުށަހެޅުމާއި ގުޅޭގޮތުން އެޖަމާއަތުން ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނެއެވެ.