ކ. މާލެ
|
1 މެއި 2024 | ބުދަ 19:10
މޭޑޭގެ އެއްވުމެއްގެ ތެރެއިން
މޭޑޭގެ އެއްވުމެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަސައްކަތްތެރިންގެ ދުވަސް
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
 
ސިޔާސީ ނުފޫޒު ވަޒީފާތަކަށް ވަންނަ މިންވަރު ދަނީ އިތުރުވަމުން

މެއި މަހުގެ 1 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައި ވެސް މަސައްކަތްތެރިންގެ އަހަރުގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ރާއްޖޭގައި މިދުވަސް ފުޅާ ދާއިރާއެއްގައި ފާހަގަކުރަން ފެށީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގައެވެ. އެދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާ އެމީހުން ބޭނުންވާ ހައްގުތައް ކަށަވަރުކުރުމުގެ ވާހަކަ ރާއްޖޭގައި ދައްކަން ފެށީ މި ހިސާބުންނެވެ. މަސައްކަތްތެރިންނަށް ބޭނުންވާ ހަމަ އުޖޫރަ އާއި ލިބެންޖެހޭ އިނާޔާތްތަކާއި މަސައްކަތުގެ މާހައުލުގައި ލިބެންޖެހޭ ރައްކާތެރިކަމާއި މިނޫންވެސް މިފަދަ ވާހަކަތައް ދައްކަން ފެށީ އެހިސާބުންނެވެ.

އޭގެފަހުން މަސައްކަތްތެރިންނަށް އެތައް ހައްގެއް ޤާނޫނީ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދީފިއެވެ. ނަމަވެސް އަދިވެސް ކަށަވަރުނުވާ އެތައް ހައްގެއް އެބަހުއްޓެވެ. މިއަދު ވެސް އަޑުއުފުލަމުން ދަނީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. މިހުރިހާ ކަމަކާއެކު ވެސް މަސައްކަތްތެރިންނަށް ވަކިން ޚާއްސަކޮށް ސަރުކާރު ކުންފުނިތަކާއި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ސިޔާސީ ގޮތުން އަންނަ ނުފޫޒާއެކު ވަޒީފާގެ ޔަގީންކަން ނެތުމެވެ.

ރާއްޖޭގެ މިއަދުގެ ހާލަތަކީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސިޔާސީ ކުލައަށް ބަލައިގެން ނުވަތަ ސިޔާސީ ގޮތުން އެމީހުން ތާއީދުކުރާ ފިކުރަކަށް ބަލައިގެން ކަނޑާލާކަނޑާލުމަކީ ވަރަށްވެސް އާދައިގެ ކަމަކަށްވުމެވެ. ވަކިން ޚާއްސަކޮށް އައު ސަރުކާރެއް އުފެދިގެން އަންނަ ދުވަސްވަރާއި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިވާހަކަތައް ދެކެވޭ ވަރު އިތުރުވެއެވެ. އައު ޤާނޫނު އަސާސީގެ ދަށުން 4 ވަނަ ސަރުކާރެއް އެކުލަވާލެވި 4 ވަނަ ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކޮށްފައިވާއިރު މިވާހަކަތައް ދެކެވޭ މިންވަރު އަންނަނީ އެއް ދައުރުން އަނެއް ދައުރަށް އިތުރުވަމުންނެވެ.

ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ މީހުންނަށް އެކި ގޮތްގޮތުން ދަތިކޮށް ވަޒީފާ އަދާކުރަމުންދިޔަ އަމިއްލަ ރަށާ މާދުރު ރަށަކަށް ވަޒީފާ ބަދަލުކުރުމަކީ ދިވެހިން ތަޖުރިބާކުރާ ކަންކަމެވެ. ވަކި ސިޔާސީ ޕާޓީއެއްގެ ޖަލްސާއަށް ދާން މަޖުބޫރުކުރުމާއި ޖަލްސާއަށް ދާ މީހުންގެ އެޓެންޑެންސް ބެލުމާއި ނުދާ މީހުންނަށް ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް ގެންގުޅުމާއި ޕްރޮމޯޝަން ދިނުމުގައި ދަތިކުރުމަކީ ވެސް ދިވެހިން ތަޖުރިބާކުރަމުން އަންނަ ކަންކަމެވެ. ސިޔާސީ ވަކި މީހަކު ނުވަތަ ސަރުކާރުގެ ވަކި މީހަކު ރަށަށް އަންނަނަމަ އެމީހަކާ ސަލާން ކުރަން ބަނދަރު ސަރަހައްދަށް ދާން މަޖުބޫރުކުރުވުމާއި ނުގޮއްސިނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ދިނުމަކީ ވެސް ދިވެހިން ތަޖުރިބާ ކުރާކަންކަމެވެ. މީގެއިތުރުން ވަކި މީހަކަށް ވޯޓު ދޭނަމަ ވަޒީފާގެ ކުރިއެރުން ދޭނެކަމުގެ އޮފަރތައް އައުމާއި އެއާ އެއްގޮތަށް ވަޒީފާގެ ކުރިއެރުންތައް ދިނުމަކީ ވެސް ދިވެހިން ތަޖުރިބާ ކުރާކަންކަމެވެ.

ގައުމުގައި ހިނގާ ކަންކަމާމެދު އެމީހަކަށް ފެންނަ ޚިޔާލެއް ސޯޝަލް މީޑިޔާގައި ފާޅުކުރުމުން އެ މީހަކު ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ދިނުމާއި އެމީހެއްގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތްތަކަކީ ވެސް ދިވެހިން ތަޖުރިބާ ކުރާ ކަންކަމެވެ. މިއީ ސިއްރުގައި ހިނގާ ކަންކަމެއް ނޫނެވެ. ފާޅުގައި އެންމެންގެ ތެރޭގައި ހިނގާ ކަންކަމެވެ. މިވާހަކަތައް އެންމެންގެ ތެރޭގައި ދެކެވެމުންދެއެވެ. ނަމަވެސް މިކަމަށް އަދިވެސް ހައްލެއް އަންނަ ތަނެއް ނުފެނެއެވެ. މިހާރު އުފެދިފައިވާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެސް ބިސްމި ކިޔާފައި އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ މިސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި އެތައް ބައެއް ވަޒީފާއިން ވަކިކުރުމެވެ. އޭރު ސަރުކާރުން ބުނަމުންދިޔަ ވާހަކައަކީ އެމުވައްޒަފުން ގެންގުޅެވޭ މިންވަރަށް ލާރި ނެތްކަމަށެވެ. ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ ވަޒީފާއަށް މީހުން ނެގި މިންވަރު އެނގޭ މީހަކު މިފަސްގަނޑުގައި ހުރިހެން ހީނުވެއެވެ. ސަރުކާރުން މިކަމުގައި ދައްކާ ވާހަކައާއި އަމަލާ ދިމާނުވުމަކީ މިސަރުކާރުގައި ވެސް ވަޒީފާތަކަށް ސިޔާސީ ނުފޫޒު އިންތިހާއަށް އޮތްކަން އެނގޭކަމެކެވެ.

އެހެންކަމުން މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގައި މަސައްކަތްތެރިންނަށް ވަކިން ޚާއްސަކޮށް ސަރުކާރު ކުންފުނިތަކާއި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ އެމީހުންގެ ވަޒީފާއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސީ ނުފޫޒު ނުވަންނަ ގޮތަކަށް އޮންނަކަމަކަށް ވުމެވެ. އެހެން ނޫންކަމަށް ވާނަމަ މިމައްސަލަ ކުރިޔަށް އޮތްތަނުގައި ދާނީ އަދި މިއަށްވުރެ ވެސް ބޮޑުވަމުންނެވެ. އެއިރެއްގެ ތިބޭ ވެރިންގެ ފައިބުޑަށް ވެއްޓިގެން ނޫނީ ވަޒީފާގައި ދެމި ނުތިބެވޭނެ ކަމުގެ ސަގާފަތް އުވާލަން ޖެހެއެވެ. އެވިސްނުން ދޫކޮށްލަން ޖެހެއެވެ. އިންތިޚާބުތައް ކާމިޔާބުކުރުމަށް ގެންގުޅޭ ހަތިޔާރަކަށް މީހުން ވަޒީފާއިން ވަކިކުރުމާއި މީހުންނަށް ވަޒީފާ ދިނުން ހުއްޓާލަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް