ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
ހައްޖު ފަންޑުން އެކިއެކި އިންވެސްޓުކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދާނެ ކަމަށާއި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިކަންކަމުގެ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައިނުވެއެވެ.
ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އަމިއްލަ ކުންފުނިތަކުން ހައްޖު ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލަ ވަނީ ހައްލުކޮށްފައެވެ. މީގެ ކުރިން އަމަލުކުރަމުން އައީ ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމަށްފަހު، ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ. ނަމަވެސް އަމިއްލަ ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފައިވާ މިންވަރަށްވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިނުދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް، ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމީ 17 ޑިސެންބަރު 2023 ގައެވެ.
މީގެ އިތުރުން ހައްޖު ކޯޓާ އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އާއްމުކޮށް ރާއްޖެއަށް ސައޫދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާއެވެ. ސައޫދީ ސަރުކާރުން ކޯޓާ އިތުރުކޮށްދެނީވެސް އެ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ.