ހަމާސް އާއެކު ކުރިއަށްދާ ވާހަކަތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް، ގާޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީ ހިފާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު މިހާރު ކުރިއަށްދާ ވާހަކަތަކުގެ މައިގަނޑު މައުޟޫއަކީ ހޮސްޓެޖުން މިނިވަން ކުރުމާއި ހަނގުރާމަ މެދުކަނޑާލުމެވެ.
ހަމާސްގެ އަތްދަށުގައި ތިބި ހޮސްޓެޖުންގެ އާއިލާތަކާ ބައްދަލު ކުރެއްވުމަށްފަހު ނަތަންޔާހޫ ވިދާޅުވީ، ހަމާސް އާއެކު އެއްބަސްވުމަކަށް އާދެވުނަސް ނާދެވުނަސް ރަފާއަށް އިޒްރޭލް ސިފައިން އަރާނެ ކަމަށެވެ.
އިޒްރޭލުން ރަފާ ހިފުމަށް ފަށަން އުޅޭ ހަނގުރާމަ އަށް އެމެރިކާއިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ވައިޓްހައުސް އިން މި މައްސަލައިގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުން ރަފާ ހިފުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމުގައެވެ.
ގާޒާގެ 2.5 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ރަފާ ސިޓީގައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ގަޒާގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް އައިސް ތިބި މީހުންނެވެ.
ތޮއްޖެހުމުގެ މައްސަލަ ބޮޑުވެ ރަފާ ގައިވެސް ވަނީ ކާނާ އާއި ބޯފެނާއި ބޭސްފަރުވާ ލިބުން ދަތިވެފައެވެ.
ހޯމަ ދުވަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ރަފާ ހިފުން ވެގެންދާނީ ފަލަސްތީނުގެ ތާރީޚުގައި ހިނގާނެ އެންމެ ބޮޑު މުސީބާތް ކަމުގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވެފައިވަނީ، ހަމާސް އާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ރަފާ ހިފުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލާނެ ކަމުގައެވެ.
ނަމަވެސް އަންގާރަ ދުވަހު ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ބޭނުންވާ ހުރިހާ ކަމެއް ހާސިލްވަންދެން ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ޑީލަކަށް އާދެވުނަސް ނާދެވުނަސް ފުރިހަމަ ކާމިޔާބެއް ހާސިލް ކުރުމަށް ރަފާއަށް އަށް އަރާ އެތަނުގައި ތިބި ހަމާސްގެ ހަނގުރާމަވެރިން ނައްތާލާނަން" ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ބައިނަލް އަގްވާމީ ޕްރެޝަރ ކިތަންމެ ބޮޑުވި ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ހޮސްޓެޖުންގެ އާއިލާތަކުން ބޮޑުވަޒީރު ނަތަންޔާހޫގެ އަރިހުގައި ވަނީ އެދިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އޮކްޓޯބަރ 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ތެރޭގައި އިޒްރޭލުގެ 253 ހޮސްޓެޖުން ހަމާސްގެ އަތްދަށުގައިވެއެވެ. އޭގެ ތެރެއިން 34 މީހުން މިހާރު މަރުވެފައިވާ ކަމަށް ބެލޭއިރު، 130 މީހުންނަށް ވީނުވީއެއް ނޭގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.