65 އަހަރުން މަތީގެ މީހުންނަށް މުއްދަތު ހަމަނުވާ އައިޑީކާޑެއް ދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑީއެންއާރާ ހަވާލުވެވަޑައިގެން ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ، ކުއްޖާ އުފަންވުމަށްފަހު ހަދާ ކާޑުގެ މުއްދަތަކީ 10 އަހަރު ދުވަސް ކަމަށެވެ. އެއަށްފަހު 10 އަހަރާއި 40 އަހަރާއި ދެމެދު ކާޑު 5 އަހަރުން 5 އަހަރުން އައުކުރަން ޖެހޭ ކަމަށެވެ. އަދި 40 އަހަރުވުމަށްފަހު ކާޑުގެ މުއްދަތު ހަމަވާނީ 10 އަހަރުން ކަމަށެވެ.
މިއީ މިހާރު އަމަލުކުރަމުންދާ ގޮތް ކަމަށާއި، ނަމަވެސް ކާޑުގެ މުއްދަތު މިގޮތަށް އޮތުމުން ދޮށީ އުމުގެ މީހުންނަށް ދަތިވާކަމަށް ޑިޕާޓްމަންޓަށް ފާހަގަކުރެވޭތީ، 65 އަހަރުން މަތީގެ އުމުރުގެ މީހުންގެ އައިޑީ ކާޑުގެ މުއްދަތު ހަމަނުވާނެގޮތެއް ހެދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން ޑީއެންއާރުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، 65 އަހަރުން މަތީ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ކެބިނެޓުން އެ ކަރުދާހަށް ގޮތެއް ނިމުނުހާ އަވަހަކަށް އަމަލުކުރާނެ ގޮތެއް އިއުލާނުކުރާނެކަމަށް ޔޫސުފް ވިދާޅުވިއެވެ.