ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެންބަރު އާޒިމް ވިދާޅުވީ، ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އަމިއްލަފުޅަށް ހެއްދެވި ޕާޓީއެއް ނޫން ކަމަށާއި، ފުރަތަމަ ވަކި ޕާޓީއެއް އުފެއްދުމަށް އެމަނިކުފާނުގެ އަރިހަށް ދިއުމުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. އެމްޑީޕީގެ ތެރޭގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން އަނެއްކާ ވެސް ފަހުން 13 މަޖިލިސް މެންބަރުންނާއެކު އެމަނިކުފާނު އަރިހަށް ގޮސް ދޫނުކޮށް އައު ޕާޓީ އެއް އުފެއްދުމަށް ހުށަހެޅުމުން އެންމެފަހުން އެމަނިކުފާނު އެކަން ގަބޫލުފުޅު ކުރެއްވީ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބާއި ގުޅިގެން ގިނަ ބަޔަކު ޕާޓީން ވަކި ކުރުމާއި، އަދިވެސް ދިމާވި މައްސަލަތަކާއި ގުޅިގެން ޕާޓީން ވަކިކޮށްފާނެ ކަމުގެ ބިރު ގިނަ ބަޔަކަށް އޮތް ކަމަށެވެ. އެ ސަބަބާއި ގުޅިގެން ވެސް އައު ޕާޓީ އެއް އުފައްދަން ބޭނުންވީ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިއީ ހަގީގަތް. 13 އެމްޕީން ގާތުގައި އަހާލީމަ އެނގޭނެ. ހަމައެއްގޮތަކަށް ވެސް އެއްބަސްނުވި އަޅުގަނޑުމެން މި ޕާޓީ ހަދާކަށް. ނަމަވެސް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ ރަނގަޅު ކަމަށް ރައީސްއަށް ގަބޫލުފުޅު ކުރެއްވިގެން އެންމެފަހުން ދެން އަޅުގަނޑުމެން ދޫނުކުރީމަ ވިދާޅުވީ އެންމެ ރަނގަޅޭ. ދެން އިހަށްދުވަހު އަޅުގަނޑާއި މީގެ ދެދުވަސް ކުރިން ދިމާވީމަ އަޅުގަނޑު ކައިރީގައި ބުނީ އާޒިމްއޭ ތިމަންނަ އެދުވަހު ވެސް ބުނީމެއްނުންހޭ އަސްލުގައި މިއީ ރަނގަޅު ކަމެއް ނޫނޭ ކުރާކަށް އެނގޭތޯ. ރަނގަޅު ނުރަނގަޅު އަދިވެސް ނޭނގެއޭ.މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މީގެ އިތުރުން އާޒިމް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ މިސަރުކާރަކީ ދޮގު ހަދާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަޖިލީހުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރެވޭތޯ އުޅުނީ. ނަމަވެސް އޭރު ދެކުނީ އަޅުގަނޑުމެންގެ 13 ކެންޑިޑޭޓުން ހޮވުމަށް އެއައަށް ގޮތެއް ހޯދަން އުޅެނީއޭ. އަޅުގަނޑުމެން ބުނިން އެބައި ބަހައްޓާށޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ އެއްބަސްވުމަކަށް އަންނައިރު ވެސް އަޅުގަނޑުމެންނަށް ގޮނޑިދީފައި އެމްޑީޕީ އެގޮނޑިތަކަށް ވާދަނުކުރަން. އެ ވާހަކަ ދައްކާނެ ކަމެއް ނެތޭ. އެވާހަކަ ހުއްޓާލާވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރި މަސައްކަތް ވެސް އެހައި ކާމިޔާބުކޮށް ނޫން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދިޔައީ. ދެކަމެއް ކާމިޔާބުވީ. އެއް ކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި އިންތިޚާބު ރޯދަ މަހު ނުބޭއްވުމުގެ މަސައްކަތް އެއްކޮށް ކުރިން. ދެވަނަ ކަމެއް އެއީ އަޅުގަނޑަށް ހީވާ ގޮތުގައި އެއީ މެންބަރުން ވަކި ކުރުމަށްގެ. އެއީ އެންމެ އަޅުގަނޑުމެން އެދުނު ގޮތަކަށް ނޫން. އެއީ ގާނޫނު އަސާސީއާއި ހިލާފުކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފަހުން ވެސް ބުނަމުންދިޔައީ. އެއީ ގާނޫނު އަސާސީގައި ބުނެފައިވޭ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެކަން ލިޔެފައި. އޮއްވާ ގާނޫނަކުން އެ ހަނިކުރެވޭނެ ކަމަށް އަޅުގަނޑުމެން އަދިވެސް ނުދެކެން. ނަމަވެސް އެ އޮތީ ހަނިވެފައި. އޭގެ ހުރިހާ ފައިދާއެއް ލިބުނީ މުއިއްޒަށް ކަމަށް އަޅުގަނޑު ދެކެނީ.މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މިސަރުކާރު ޖަވާބުދާރި ކުރުވުމަށް ކުރި މަސައްކަތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމަސައްކަތް ވެސް އެހައި ކާމިޔާބު ނޫން ކަމަށެވެ.