އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޖަމާލް މުސިއާލާ އެ ޓީމުގެ ފަރިތަކުރުމުގައި ބައިވެރިވެއްޖެ އެވެ.
ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ބަޔާނުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި މުސިއާލާ ނުކުޅެ އެވެ. އެންމެ ފަހުން މުސިއާލާ ކުޅުނު މެޗަކީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބަޔާނުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން ބަޔާނުން ވަނީ ޖަރުމަނު ލީގުގައި ދެ މެޗު ކުޅެފަ އެވެ. އެއީ ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗާއި، އައިންޓްރަކްޓް ފްރޭންކްފާޓްއާ ދެކޮޅަށް ކުޅުނު މެޗެވެ.
މިވަގުތު ބަޔާނުން ތައްޔާރުވަމުން އަންނަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުތުމަށެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ކުރިން، ހޯމަ ދުވަހު ބަޔާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި މުސިއާލާ ވަނީ ބައިވެރިވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ، ރެއާލް މެޗުގެ ކުރިން އަނިޔާގެ މައްސަލަތަކުގައި އުޅޭ ކުޅުންތެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން، އަނިޔާ އިން ރަނގަޅުވެ މެޗުގައި ކުޅެވޭ ވަރު ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، މުސިއާލާގެ އިތުރުން، ލެރޯއީ ސާނޭ އަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފަހު ވަގުތު ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އިތުރަށް އެ ކުޅުންތެރިންގެ ޙާލަތު ބެލުމުގެ ގޮތުންނެވެ.
އުމުރުން 21 އަހަރުގެ މުސިއާލާ އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި އޭނާ ވަނީ ބަޔާނަށް ކުޅެދިން 36 މެޗުން 12 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި ބަޔާންގެ ކޯޗު ޓުޗެލް، ޓީމުގެ ފުރަތަމަ 11 އިން އިސްކަންދޭ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.