ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 11:02
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުގައި ރާއްޖޭގެ އަޒްމީން
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުގައި ރާއްޖޭގެ އަޒްމީން
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024
ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން އަދި ނާޒިމް އަށް ރިހި މެޑަލް
 
ފައިނަލްގައި އަޒްމީން އަދި ނާޒިމްގެ ޕެއާ އިން ނުކުތީ އިންޑިއާގެ ސްރިނިވާސް އަދި ގުފްރާންގެ ޕެއާއާ ދެކޮޅަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް (ނާނަ) ރިހި މެޑަލް ހޯދައިފި އެވެ.

އަޒްމީން އަދި ނާޒިމްގެ ޕެއާ އިން ވަނީ ޑަބަލްސް އިވެންޓުގެ ފައިނަލްގައި ކުޅެފަ އެވެ. ފައިނަލްގައި މި ޕެއާ އިން ނުކުތީ އިންޑިއާގެ ސްރިނިވާސް އަދި ގުފްރާންގެ ޕެއާއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު އިންޑިއާގެ ޕެއާ އިން ފައިނަލް މެޗު ކާމިޔާބު ކުރީ ދެ ސެޓުންނެވެ. މިއީ އޭޝިއާގެ ކެރަމް މުބާރާތެއްގައި ރާއްޖެ އަށް ރިހި މެޑައްޔެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

އަޒްމީން އަދި ނާޒިމްގެ ޕެއާ އިން ވަނީ ސެމީ ފައިނަލްގައި އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާގެ ޕެއާ ބަލިކޮށްފަ އެވެ. މުބާރާތުގައި ހޯމަ ދުވަހު ކުރިއަށް ދަނީ ޓީމު އިވެންޓުގެ މެޗުތަކެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ، 11 އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން، ބުދަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. މުބާރާތުގައި ޖުމުލަ 100 އެއްހާ ކުޅުންތެރިން ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިން ވެސް ވާދަކުރެ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގުޅިގެން ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވިޒިޓް މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ވަނީ ވެލިގާ ހާޑްވެއާ އާއި އަލީތޯ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް، ޓްރާންސްޕޯޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އަދި އިވެންޓް ޕާޓްނަރަކަށް ޕްރޯފްލެކްސް އާއި އޯލް އެޑިޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ސައުތު ކޭޓަރިންގ އެވެ. ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ރެޑް ކްރިއޭޓިކް ހަމަޖައްސާފައިވާއިރު، ޕާޓްނަރެއްގެ ގޮތުގައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް