ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 10:21
ފްރާންސް ލީގުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗަށްފަހު އެމްބާޕޭ
ފްރާންސް ލީގުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗަށްފަހު އެމްބާޕޭ
ރޮއިޓާސް
ފްރާންސް ލީގު
މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ކަށަވަރުވެއްޖެ
މިއީ، ޕީއެސްޖީގެ ތާރީޚުގައި އެ ކުލަބުން ފްރާންސް ލީގު ކާމިޔާބު ކުރި 12 ވަނަ ފަހަރު

ފްރާންސް ލީގުގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުން މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކަށަވަރުވެއްޖެ އެވެ.

ލީގު ތާވަލްގެ ދެ ވަނައިގައި އޮތް މޮނާކޯ އިން، އާދިއްތަ ދުވަހުގެ ރޭ ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 އިންނެވެ. އެއާއެކު، ޕީއެސްޖީ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވާ ޕީއެސްޖީ އަށް ޗެމްޕިއަންކަން ކަށަވަރުވެފައިވާއިރު، މިއީ ޖެހިޖެހިގެން ޕީއެސްޖީން ފްރާންސް ލީގު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ.

އަނެއްކޮޅުން މިއީ، ޕީއެސްޖީގެ ތާރީޚުގައި އެ ކުލަބުން ފްރާންސް ލީގު ކާމިޔާބު ކުރި 12 ވަނަ ފަހަރެވެ. ސްޕެއިންގެ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 31 މެޗުން 70 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މޮނާކޯ އަށް ލިބެނީ 58 ޕޮއިންޓެވެ.

މިއީ އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ކާމިޔާބު ކުރި ދެ ވަނަ ތައްޓެވެ. ފްރާންސް ލީގުގެ އިތުރުން އެ ކުލަބުން ވަނީ ޓްރޮފީ ޑީ ޗެމްޕިއަންސް ވެސް ކާމިޔާބުކޮށްފަ އެވެ. މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އޮތީ ސެމީ ފައިނަލްގަ އެވެ. ޗެމްޕިއަންސް ލީގަކީ ޕީއެސްޖީން އެންމެ ބޮޑަށް ކާމިޔާބު ކުރަން ބޭނުންވާ މުބާރާތެވެ.

- ކޮމެންޓް