ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަކާގެ ކައިވެނި ރޫޅުނު ސަބަބު އޭނާގެ ކުރީގެ އަންހެނުން ކިޔައިދީފި އެވެ.
ކަކާ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ އިޓަލީގެ އޭސީ މިލާނުގައި މޮޅަށް ކުޅެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފަހުން ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކަކާ އަކީ އޭނާގެ ބުރުސޫރައިގެ ރީތިކަމާހުރެ ވަރަށް ގިނަ އަންހެނުން ހިތްކިޔައި އުޅުނު ކުޅުންތެރިއެކެވެ.
އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކައިވެނިކުރީ 2005 ވަނަ އަހަރު މިލާނަށް ކުޅެމުންނެވެ. އޭގެ 10 އަހަރު ފަހުން ކައިވެނި ރޫޅުމަށް ފަހު ކަކާ މިހާރު ވަނީ އެހެން މީހަކާއެކު ލޯބީގެ ގުޅުމެއް ފަށައިފަ އެވެ. ނަމަވެސް ކުރީގެ އަންހެނުން ކެރޮލީން ސެލީކޯ އަދިވެސް ހުރީ ހުސްކޮށެވެ. ކަކާ އާއި ކެރޮލީންގެ ކައިވެނި ރޫޅުނު ހަބަރަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ހަބަރެކެވެ. އެ ދުވަސްވަރު އެންމެ ހިޓް ހަބަރަކީ ވެސް އެއީ އެވެ.
ދެމީހުންގެ ކައިވެނި ރޫޅުނުއިރު އަންހެން ކުއްޖަކާއި ފިރިހެން ދަރިއަކު ވެސް ތިއްބެވެ. މި ކަމުގެ ހަގީގަތް ފުރަތަމަ ފަހަރަށް ކިޔައިދެމުން ކެރޮލީން ބުނީ ކަކާ އޭނާ އަށް ބޭވަފާތެރިނުވާ ކަމަށެވެ.
ކަކާ އަހަންނަށް ބޭވަފާތެރިނުވޭ. އޭނާ އަހަރެންނަށް ވަރަށް ރަނގަޅު. އޭނާ އަހަރެންނަށް ދިނީ ވަރަށް އުފާވެރި އާއިލާއެއް. އެކަމަކު އަހަރެން އުފަލެއްނުވޭ. ކޮންމެވެސް ކަމެއް ދިޔައީ މަދުވަމުން. މައްސަލައަކީ އޭނާ އަހަންނަށް މާ ރަނގަޅުވުންކެރޮލީން / ކަކާގެ ކުރީގެ އަނބިމީހާ
ދެމީހުން ކައިވެނިކުރިއިރު ކެރޮލީން އަކީ ބްރެޒިލްގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެނެކެވެ. އެއީ ހިލޭ ސާބަހަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ސާފުތާހިރުކަމުގެ ހަރަކާތް ހިންގުމާއި ތައުލީމު ނުލިބޭ މީހުންނަށް އުނގަންނައިދިނުމުގެ ފުރުސަތު ހޯދައިދިނުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ޖަމާއަތެކެވެ. ނަމަވެސް ކައިވެންޏަށް ފަހު ކެރޮލީން މިކަން ދޫކޮށްލައި ހުސްވީ އާއިލާއަށެވެ.
އޭނާ އަދިވެސް ހުސްކޮށް ހުރި ކަކާ ވަނީ ކައިވެނި ރޫޅުނުތާ ދެ އަހަރު ފަހުން 2017 ވަނަ އަހަރު ބްރެޒިލްގެ މޮޑެލް، ކެރޮލީނާ ޑިއާސް ކިޔާ އަންހެނަކާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ދެ މީހުން މިއަހަރު ކުރީކޮޅު ކައިވެނިކުރާކަން އިއުލާނުކުރިއިރު މިހާރު ވަނީ އެއް އަހަރުގެ ފިރިހެން ދަރިއަކު ވެސް ލިބިފަ އެވެ.
މިކަން އިއުލާނުކުރަމުން ކަކާ ބުނެފައިވަނީ ކެރޮލީނާ ޑިއާސް ވަނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ އަށް އޭނާ ހަދައިދީފައި ކަމަށެވެ. އަދި ކެރޮލީނާ ދުނިޔޭގެ އެންމެ އުފާވެރި އަންހެނާ އަށް ހަދައިދޭނެ ކަމަށް ވައުދުވާ ކަމަށެވެ.
ކަކާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗު ކުޅެދީ 29 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މޮޅު ކޯޗަކަށްވުމަށެވެ. މި ގޮތުން ބްރެޒިލްގެ ކޯޗުކަން ކުރުމަކީ އަމާޒެއް ކަމަށް ކަކާ ވަނީ ބުނެފަ އެވެ.