ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފިއެވެ.
ޕީޕީއެމުން ވަކިވެވަޑައިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އިސްވެ ހުއްނަވާ އުފެއްދެވި ޕީއެންއެފް ރަޖިސްޓްރީކޮށްދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. ޕާޓީގެ މަސްއޫލުވެރިއާއަކީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.
ޕާޓީ ރަޖިސްޓްރީކުރުމާއި ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ސެނެޓުގެ މެންބަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ޕާޓީގެ ބާނީ ހުންނެވީ ދައުލަތުގެ އަނިޔާގައި ކަމަށެވެ. އަދި ޕާޓީ އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓު ނުދީ ސަރުކާރުން އަސޭމިރުހާ އެތައް މެމްބަރުންނަށް ކުރުމުންވެސް، އެންމެ ފަހުން ރާޅުގަނޑު ގޮނޑުދޮށަށް ޕާޓީ އުފަންކުރުވަން ޖެހުނު ކަމަށެވެ. އަދި އެއީ މާޒީ ކަމަށާއި، ޕާޓީ ދާނީ ކުރިޔަށް ވަރުގަދަކޮށް ކަމަށެވެ.
ރައީސް ޔާމީންގެ ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ސަރުކާރުން ހުރަސް އެޅުމާއި ގުޅިގެން ފުރަތަމަ ބާއްވަން އުޅުނު ޣިޔާސުއްދީންގައި ނުބޭއްވިގެން އެ ޖަލްސާ ބާއްވާފައިވަނީ 9 ވަނަ ދުވަހުގެ ދަންވަރު ރާޅުގަނޑު ސަރަހައްދުގައެވެ.
ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 420 މެންބަރުން ބައިވެރިވިއެވެ. މި ޖަލްސާގައި ވަނީ ޕާޓީގެ ކުލަ، ލޯގޯ، ސިއްކަ އަދި ޕާޓީގެ އެޑްރެސް ފާސްކޮށްފައެވެ. ޕާޓީގެ ނަމަކަށް ޕީޕަލް ނެޝަނަލް ޕްރަންޓް، ރަމްޒީކޮށް ކިޔަން ފާސްކޮށްފައިވަނީ ޕީއެންއެފްއެވެ. މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ޕާޓީގެ ދާއިމީ ސެނެޓް އިންތިހާބުކުރެވެންދެން ވަގުތީ ސެނެޓް ވަނީ އިންތިހާބުކޮށްފައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކަށް މެންބަރުން އިންތިހާބުކުރެވެންދެން ވަގުތީގޮތުން މެންބަރުން ވަނީ އައްޔަންކޮށްފައެވެ.
ވަގުތީ ސެނެޓުގައި ރައީސް އަބްދުﷲ ޔާމީން، ޒެއިން އަބްދުﷲ ޔާމީން، ޑރ. މުހައްމަދު ޖަމީލް އަހުމަދު، މުހައްމަދު މަލީހު ޖަމާލު، މުހައްމަދު ޝަވީދު، ޑރ. ޖިހާދު ހަސަން، ހުސައިން ވަހީދު، އަހުމަދު މުސްތަފާ މުހައްމަދު، އަހުމަދު ފަޔާޒް، އަލީ ޝިޔާން ރާޝިދު، އަބްދުﷲ ހުސައިން، އަދުލީ އިސްމާއިލް، އަނީސާ ސައީދު، ފާތިމަތު ރަހުމާގެ އިތުރުން ޕީއެންއެފް އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ދާއީމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން ޕާޓީގެ އިސް މަގާމުތަކަށް ވަގުތީގޮތުން އައްޔަން ކުރައްވާފައިވަނީ 4 މަގާމަކަށެވެ.
އެ މަގާމުތަކަކީ:
ޕާޓީގެ ރައީސްކަމަށް ޒެއިން އަބްދުﷲ ޔާމީން
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު މަލީހު ޖަމާލް
ޓްރެޝަރަރ އަކަށް އަހުމަދު މުސްތަފާ މުހައްމަދު
ރެޖިސްޓްރާ އަލީ ޝިޔާން ރާޝިދު