ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 12:15
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
މަޖިލިސް ޖަލްސާ ކެންސަލްކުރުން
މެންބަރުން ހަމަނުވުމުން މަޖިލިސް ޖަލްސާ ކެންސަލްކޮށްފި
 
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބްއާ ސުވާލުކުރުމަށް އެޖެންޑާކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުން ބުދަ ދުވަހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ބުދަ ދުވަހުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހެނދުނު 9:00ށެވެ. ނަމަވެސް ހެނދުނު 9:30 ގައި ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލީ ކަމަށެވެ.

19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިޚާބުކުރި ނަމަވެސް މިހާރު ތިއްބެވީ 80 މެންބަރުންނެވެ. އަދި މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެންބަރުން ވަޑައިގެންނެވުުމުންނެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއާ ސުވާލުކުރުން ހިމެނެ އެވެ. އޭނާއާ ސުވާލުކުރައްވަން ހުށަހަޅުއްވާފައި އޮތީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސަ އެވެ.

ކޯރަމް ހަމަނުވުމުގެ ސަބަބުން ބުދަ ދުވަހުގެ ޖަލްސާ ކެންސަލްކުރިއިރު، އަންގާރަ ދުވަހުގެ ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޖަލްސާގައި ބައެއް މައްސަލަތަކުގައި ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުން ހުވާކުރުމަށް ބާއްވާ ޖަލްސާ ކުރިއަށް އޮތް މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުވާކުރުމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ވަމުންދާ ކަމަށެވެ.

އެހެންކަމުން މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އިއުލާންކުރެއްވިއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕީއެންސީއިން އެންޑޯސްކޮށްފައިވާ އަމިއްލަ ގޮތުން ވާދަކުރި 5 ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި ވަގުތު ސަރުކާރާއި އެކުގައި މަސައްކަތް ކުރާ 3 ޕާޓީއަކަށް އެއް ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ކާމިޔާބުވެފައިވަނީ 12 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ޖުމުލަ 11 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެވިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް