ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 13:58
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އަންހެން މެންބަރުންގެ އަދަދު ދަށްވުން
ފަހަރަކަށްވުރެ ފަހަރެއް އަންހެން މެންބަރުންގެ އަދަދު ދަށަށް!
 
އަންހެނުންގެ ދައުރު މަޖިލީހުގައި ހަނިވުން ނިމުމަކަށް ގެނައުމަށް މިހާރަށް ވުރެ ސީރިއަސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން އަންހެނުންނަށް ކާމިޔާބުވީ އެންމެ 3 ގޮނޑިއެވެ. ހިންގުމުގެ ދާއިރާގައި ގިނަ އަދަދަކަށް އަންހެނުން މަސައްކަތް ކުރި ނަމަވެސް ބަސް ބުނާ ފެންވަރުގެ މަޤާމުތަކަށް އައުން އަދިވެސް އެއީ އަންހެނުންނަށް މާފަސޭހަ ކަމެއް ނޫނެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނާއި މި ފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވި އަންހެން ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ އިސްކޮށް ހަރަކާތްތެރިވާ، ތައުލީމާއި ތަޖުރިބާހުރި އަންހެނުންނެވެ.

އެގޮތުން މިފަހަރުގެ އިންތިހާބުގައި ވާދަކުރި އަންހެނުންނަށް އެކަނި ބަލާލިޔަސް ގިނައީ ޑިގްރީ ނުވަތަ މާސްޓަރސް ފެންވަރުގެ ތައުލީމީ ސެޓްފިކެޓެއް އޮތް، ދާއިރާތަކުން ތަޖުރިބާ ހޯދާފައިވާ އަންހެނުންނެވެ. އެއާއި ހިލާފަށް ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ފެންވަރު ދަށް ފިރިހެން ކެންޑިޑޭޓުންނަށް ވަރަށް ފަސޭހައިން ފުރުސަތު ތަނަވަސްވާތަން އެބަ ފެނިގެންދެއެވެ.

އަންހެނުންގެ ބޮޑު އާބާދީއެއް އޮތް ރާއްޖޭގައި މިއީ ވިސްނާލުން މުހިންމު ކަމެކެވެ. ނިކަން ވިސްނާލާށެވެ. 2009 ވަނަ އަހަރު މަޖިލީހަށް 5 އަންހެނުން، 2019 ވަނަ އަހަރު 4 އަންހެނުން ވަނީ އިންތިހާބުވެފައެވެ. އެހެންކަމުން އަންހެން މެންބަރުންގެ ނިސްބަތް ދަނީ ފަހަރަކުން ފަހަރަކަށްއި ދަށަށެވެ. އަނެއްކޮޅުން މަޖިލިސް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ފިޔަވަޅު ނާޅައިފި ނަމަ އަންހެނުންގެ އަޑު މުޅިން މަޖިލީހުން ކެނޑިދާނެ ކަމުގެ ނިޝާނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތައަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީ އަށް މިހާރު ވެސް އިސްލާހެއް ހުށަހަޅާފައި އެބައޮތެވެ. ނަމަވެސް މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް 'ކޯޓާ' ނިޒާމަކަށް ދާން ޕާޓީތަކަށް ކެރިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި އިހުލާސްތެރިކަމާ އެކު އަންހެނުން މަޖިލީހަށް ގެނައުމަށް މަސައްކަތް ކުރެވޭތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އަންހެނުންގެ ދައުރު މަޖިލީހުގައި ހަނިވުން ނިމުމަކަށް ގެނައުމަށް މިހާރަށް ވުރެ ސީރިއަސް މަސައްކަތްތަކެއް އެބަ ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް