ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 11:53
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި މިހާރުގެ ރައީސް ބައްސާމް
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި މިހާރުގެ ރައީސް ބައްސާމް
އެފްއޭއެމް އިންތިހާބު
ފީފާގެ ޓީމުން ސަރުކާރާއި ކުލަބުތަކާ ބައްދަލުކުރަން ފަށައިފި
ފީފާގެ ޓީމުން ސަރުކާރުގެ އިދާރާތަކާ ވެސް ބައްދަލުކުރާނެ

އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން ފީފާ އަށް ލިބިފައިވާ ޝަކުވާތައް ބަލަން އައި އެ ޖަމާއަތުގެ ޓީމުން ރާއްޖޭގެ ކުލަބުތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަން ފަށައިފި އެވެ.

ނަމަވެސް މި ކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި ފީފާގެ ޓީމުން މާދަމާ ސަރުކާރުގެ އިދާރާތަކާއެކު ބައްދަލުކުރާނެ އެވެ. އޭގެ ތެރޭގައި ކަމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެ އެވެ.

ފީފާގެ ޓީމުން އިއްޔެ ރޭ ރާއްޖެ އައީ ދެ ފަހަރު މަތީން އެފްއޭއެމުގެ އިންތިހާބު މަޑުޖައްސާލަން އެ އިދާރާއިން އެންގުމަށްފަހު އެވެ. ރާއްޖޭގެ އެފްއޭއެމުން އެންމެ ފަހުން މި އިންތިހާބު އެންމެ ފަހުން ބާއްވަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އެފްއޭއެމުގެ އެންމެ ފަހުގެ ކޮންގްރެސްގެ ކޯރަމް ހަމަނުވުމާއި ގަވާއިދާ ހިލާފަށް ބޭއްވިކަމުގެ ޝަކުވާތަކާއެކު ފީފާއިން ވަނީ އިންތިހާބު ހުއްޓުވައިފަ އެވެ.

އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރަނީ މިދިޔަ އަށް އަހަރުގެ މަގާމުގައި ހުންނެވި ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. މީގެ ތެރެއިން ބައްސާމް އެފްއޭއެމުގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ މައްސަލަ ރާއްޖޭގެ ކޯޓުތަކުންނާއި ފީފާއިން ވެސް ދަނީ ބަލަމުންނެވެ. ފީފާއިން ބަލަމުންދަނީ ކޮވިޑް ތެރޭގައި އެފްއޭއެމަށް ދިން އެއް މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާ އަށް ވީނުވީއެއް ނޭނގުމުގެ މައްސަލަ އެވެ.

- ކޮމެންޓް