2024 ވަނައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ)ން ފޯރަމެއް ބާއްވައިފިއެވެ.
2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލެކްޝަންސް ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒުކުރަން ފަށާފައެވެ. މި ސްޓްރެޓެޖީގެ ދަށުން އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަގުސަދުގައި، އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަހުގީގުކުރުމުގައި ގާނޫނީގޮތުންނާއި އިޖްރާއީގޮތުން، އަދި ހެކި ހޯދުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 17 އެޕްރީލްވީ ބުދަ ދުވަހު ފޯރަމްއެއް ބާއްވާފައެވެ.
މި ފޯރަމްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓްގެ 45 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމް ފެށުމުގެ ހަފްލާ ތައާރަފްކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން ފާޠިމަތު އިބްނާއެވެ. އަދި މިފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. އަދި އޭގެ ފަހުގައި އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ވަނީ ފޯރަމްގެ ބައިވެރިންނާ މުޚާތަބް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން މި ބޭއްވުނު ފޯރަމްގައި ކޮމިޝަނުގެ ފަސް ޕެނަލަކުން، އިންތިޚާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނެވެ.
މި ފޯރަމްގައި އަލިއަޅުވާލާފައިވަނީ އިންތިޚާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި، އިންތިޚާބާގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަނުގައި ރަޖިސްޓަރީކުރުމާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމާއި، އަދި އިންތިޚާބާގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ އުފުލުމާ ބެހޭގޮތުންނެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވައި ހިންގި މި ފޯރަމަކީ ގާނޫނީގޮތުންނާއި އިޖުރާއީގޮތުން ހެކި ހޯދުމުގައި ހިނގާ އިންތިޚާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާ ބެހޭގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.