ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫންކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
ބުރާސްފަތި ދުވަހު އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ ލިސްޓަކީ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ބެލިބެލުމުން އެނގިފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން ހައުސިންގ މިނިސްޓްރީން ވެސް ވަނީ، ދައުރުވަމުންދާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަމަށް ބުނެފައެވެ. މިފަދަ ލިސްޓުތައް ދައުރުކުރަމުންދަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރޭން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމިއެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ. ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ، ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.
ނަމަވެސް ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތްތައް އެމިނިސްޓްރީން ކުރިއަކަށް ނުގެންދެއެވެ. އަދި މިހާރު ސަރުކާރުން ވަނީ ފްލެޓް ލިސްޓް ބަލާ ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމެޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.