ކުރީ ސަރުކާރުން އެކުލަވާފައިވާ ގޯތީގެ ލިސްޓަށް ބަދަލު ގެންނަން އުޅޭކަމަށް ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ޚަބަރެއްކަމަށް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުން ބުނެފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމް އަދި ބިންވެރިޔާ ސްކީމާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައާއި އާންމުންގެ ހިތްތަކުގައި މިނިސްޓްރީއާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާކަމަށެވެ.
އަދި ކުރީ ސަރުކާރުން އެކުލަވާފައިވާ ލިސްޓަށް މި ސަރުކާރުން ބަދަލު ގެންނަން އުޅޭކަމަށް ފެތުރެމުންދާ ޚަބަރަކީ ހަގީގަތާ ޚިލާފު ޚަބަރެއްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، ސަރުކާރުގެ ވިސްނުމަކީ ދެ ސްކީމްގެ ދަށުން ވެސް ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އުސޫލާ ޚިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށްނުލާނެ ކަމުގެ ޔަޤީންކަންދޭކަމަށެވެ.
އަދި މިކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއް ނެތި ހަގީގަތާ ޚިލާފު ޚަބަރު ނުފެތުރުމަށް ވެސް ވަނީ އެދިފައެވެ.