ވަކި ދެ ފަރުދަކު ހިމާޔަތްކުރަން ފޮރިން ޕޮލިސީ ފުނޑާލުމުން އެނގެނީ ރައީސްގެ ނާޤާބިލްކަން ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މީކާއިލް ވަނީ މި ސަރުކާރުގެ ފޮރިން ޕޮލިސީ ވަރަށް ބަލިކަށި ކަމަށް ސިފަކުރައްވާފައެވެ.
މީކާއިލް ވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ ބޭފުޅުން އިންޑިއާ އަށް ޖެއްސުން ކުރާ ގޮތަށް ވާހަކަދެއްކެވުމުން އެ ވާހަކަ ހިމާޔަތްކުރުން ރައީސަށް މުހިންމުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި ދެ ޑެޕިއުޓީ މިނިސްޓަރުން ހިމާޔަތްކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޤައުމުގެ ފޮރިން ޕޮލިސީ ހަލާކުކޮށްލާފައި ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރު ވެރިކަމަށް އައި ގޮތަށް އިންޑިއާ އާއި ޖެހިގަންނަ ގޮތަށް މަސައްކަތް ކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ފުށާއި ހަނޑޫ ފަދަ ތަކެތި ގެންނަން އިންޑިއާ އަށް ބަރޯސާ ނުވާނެ ކަަމަށް ބުނެފައިވާ ކަމަށް މީކާއިލް ވިދާޅުވިއެެވެ. އަދި ތުރުކީ އިން އެ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަަމަށް ވިދާޅުވި ނަމަވެސް އެކަން އެހެން ނުހިނގާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އިސް ފަރާތްތަކުން ތުރުކީ އަށް ކުރި ދަތުރަކީ ވެސް މަންފާ އެއް ނެތް ދަތުރެއް ކަމަށް މީކާއިލް ވަނީ ސިފަކުރައްވާފައެވެ.
ކަނޑައެޅިގެން އިތުރުފުޅެއް ނޫންތޯ ހެއްދެވީ؟ ތުރުކީ އިން މި ތަކެތި ގެނެވޭނެ ވާހަކަ އާއި ލިބޭނެ ވާހަކަ. ކޮބާތޯ އެ ޥާހަކަ؟ އިންޑިއާގައި އެދެން ޖެހުނީ އަނެއްކާވެސް . އެހެންވީމަ މި ކަހަލަ ދޮގު ނުހައްދަވަންވީ އެހެންވެ. ޔޫރަޕުން ބޭސް ގެންނާނެ ކަމަށް ވިދާޅުވި. ކޮބާތޯ އެ ބޭސްތައް ؟ އެ ވާހަކަ ވެސް ނުދައްކަވާމީކާއިލް
މީކާއިލް ވަނީ ޑރ.މުއިއްޒު އަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އިގްތިޞާދީ ހާލަތު ގޯސްކަމަށް ސިފަކުރެއްވުމަށް ފަހު އެތައް ސިޔާސީ މަޤާމެއް އިތުރުކުރަމުންދާ ކަމަށާއި ދައްކާ ވާހަކަ އާއި އަމަލާއި ދިމާ ނުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.