މި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ސިޔާސީ މަސައްކަތް ކުރާ ވައްޓަފާޅިއަކީ ޑިމޮކްރަސީ އާއި ޚިލާފު ވައްޓަފާޅި އެއް ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަކީ އެކައްޗެއް ކަމަށާއި އެއީ ސިޔާސީ ގޮތުން އެއް ފިކުރެއްކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް ޕީޕިއެމްގެ ސަރުކާރުގައި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލީ މަންޒަރު ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ޕީޕީއެމް އަދި ޕީއެންސީން މަސައްކަތް ކުރީ ރައްޔިތުންގެ އަނގަ ބަންދުކޮށް ޚިޔާލު ފާޅުކުރުމާއި ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީކާއިލް އިތުރަށް ވިދާޅުވީ ދިވެހިން ޕީޕީއެމް އަދި ޕީއެންސީ އާއި އެކު ކުރީ ހިތި ތަޖުރިބާއެއް ކަމަށެވެ.
މާޒީ އަށް ބަލާލުމުން އެކަން ފެންނަން އެބަ އޮތް؛. މި ދެ ޕާޓީ އަޅާ ކިޔާލަން އެބަ ޖެހޭ. އަޅުގަނޑުު ހުދު އަމިއްލަ އަށް ހުންނާނެ ހިތްހަމަ ނުޖެހޭ ކަންކަމަށް އެމްޑީޕީ ސަރުކާރުގައި އަޑު އުފުލާފައި. މި ބޭފުޅުން އެހެންތޯ؟މީކާއިލް
ސަރުކާރު ޒިންމާދާރުކޮށް ސަރުކާރަށް ކަންކަން ކުރަން ބާރު އެޅޭނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުން މަޖިލީހުގައި ތިބެގެން ކަމަށް މީކާއިލް ވިދާޅުވިއެވެ. އެމްޑީޕީގެ މެޖޯރިޓީ ސަރުކާރުގައި އޮތް އިރު ސަރުކާރުގައި ހިނގާ ނުރަނގަޅު ކަންކަމަށް ބަސް ބުނާނެ ހިތްވަރު މެމްބަރުންގެ ކިބައިގައި ހުރި ކަމަށާއި އެމްޑީޕީ އާއި ޕީއެންސީގެ ތަފާތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަފާތު ނިމިދިޔަ 5 އަހަރު އެމްޑީޕީގެ މެމްބަރުން ވަނީ އެކަން ސާބިތުކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕީއެންސީގައި ތިބި މެމްބަރުންނަކީ އެފަދަ ބައެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވަނީ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ މަޖިލިސް ވާނީ ރަބަރު ސްޓޭމްޕަކަށް ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ބޮޑު އަޢުލަބިއްޔަތެއް ނުވަތަ މަޖިލީހުގެ ކޮންޓްރޯލް ދީފި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މަގު އެއްކޮށް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.