ޗެމްޕިއަންސް ލީގުގެ ފުޓްބޯޅަ މުބާރާތުގައި ކުޅެން ފްރާންސްގެ ޕީއެސްޖީއާއެކު އޮސްމާނޭ ޑެމްބެލޭ ބާސެލޯނާ އަށް ދިޔުމުން ސަޕޯޓަރުން އޭނާ އަށް މަލާމާތްކޮށް ދިމާކޮށްލައިފި އެވެ.
ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން އެ ޓީމުގެ ކުރީގެ ފޯވަޑަށް ހޫނު މަރުހަބާއެއް ނުކިޔާނެކަމަށް ކުރިންވެސް އޮތީ ބެލެވިފަ އެވެ. މިކަމުގައި އޮތީ ދެ ސަބަބެކެވެ. ފުރަތަމަ ސަބަބަކީ ބާސެލޯނާގެ ނުގަބޫލުގައި އޭނާ ކުލަބު ބަދަލު ކުރުމާއި ބާސެލޯނާގައި އެކަށީގެންވާވަރާ ގާތަށް ވެސް އޭނާ އަށް ނުކުޅެވުމެވެ. އެންމެ މުހިންމު އަދި ފަހު ސަބަބަކީ ބާސެލޯނާ ކޮޅަށް ލަނޑު ޖަހާފައި އޭނާ މާބޮޑަށް އުފާ ފާޅުކުރުމުން ސަޕޯޓަރުން ހިތްހަމަނުޖެހުމެވެ.
ޑެމްބެލޭ އަކީ ބާސެލޯނާ އަށް ހަ އަހަރު ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ގެންދިޔައީ 104 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ގިނައިން އިނީ ބެންޗުގަ އެވެ. އަދި ގިނަ ދުވަހު އުޅުނީ އަނިޔާގެ މައްސަލަތަކުގަ އެވެ. އޭނާ ކުޅުނު 185 މެޗުގައި ޖެހިފައިވަނީ 40 ގޯލެވެ.
ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕަކުން ބުނީ ގިނަ ދުވަހު އޭނާ ބާސެލޯނާގައި އުޅުނީ ނުކުޅެވި ހޮސްޕިޓަލުގައި ކަމަށާއި ސަޕޯޓަރުން އެއިރު އޭނާ އަށް ދިން ތަރުހީބަށް ޑެމްބެލޭ އިހްތިރާމް ނުކުރާކަން އެ ޓީމާ ދެކޮޅަށް ލަނޑު ޖަހާފައި އުޅުނު ގޮތުން އެނގޭ ކަމަށެވެ. މިހެންވެ އޭނާ އަށް ހޫނު މަރުހަބާއެއް ކިއުމެއް ނެތް ކަމަށެވެ.
އެއާޕޯޓުން ބައެއް ސަޕޯޓަރުން ޑެމްބެލޭއާ ދިމާކޮށްލިއިރު ޕީއެސްޖީ ޓީމު ތިބޭ ހޮޓަލުގެ ބޭރުގައި ވެސް އޭނާއާ ދިމާކުރުން އެބައޮތެވެ. އަދި މިރޭގެ މެޗު ފެށުނީއްސުރެ އޭނާ އަށް މަލާމާތްކުރުން އޮންނާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ބާސެލޯނާގެ ސަޕޯޓަރުން ބުނަނީ ބާސެލޯނާ އަށް ކުޅުމަކީ ކިހާބޮޑު ޝަރަފެއްކަން ޑެމްބެލޭ އަށް ނޭނގޭ ކަމަށާއި ކިތަންމެ ކުޑަވަގުތުކޮޅަކަށް ވެސް އެކުލަބަށް ކުޅެ، ކުލަބު ވަންތަންކަން ހުރި މީހަކު ވިއްޔާ އެކަން ފަހުން ދަންނާނެ ކަމަށެވެ. އަދި މިރޭގެ މެޗު ކުޅޭ ބާސެލޯނާގެ ދަނޑަކީ ޕީއެސްޖީގެ ދަނޑަށް ވުރެ ބޮޑު ދަނޑަކަށްވުމުން ސަޕޯޓަރުންނަކީ ކިހާ މުހިންމު ބައެއްކަން މިރޭގެ މެޗުގައި ޑެމްބެލޭއަށް ދައްކާލާނެ ކަމަށް ވެސް އޭނާއާ ދިމާކޮށް ބައެއް ސަޕޯޓަރުން ބުނެފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.