ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 00:06
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
އެމްޑީޕީ ޖަލްސާ
އެމްޑީޕީއަށް މަޖިލީސް ލިބުމުން އެންމެ ފުރަތަމަ ކުރާނެކަމަކީ ޤާނޫނަކުން ވަޒީފާގެ ކަށަވަރުކަން ދިނުން: ރައީސް ޞާލިހު
 
ވަޒީފާގެ ބިރު ދެއްކުމުގެ ކަންކަން އަލުން އިޔާދަވަމުން އަންނަކަމަށް ރައީސް ޞާލިހު ވިދާޅުވި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން މުހިންމުވަނީ މިހާރުގެ ސަރުކާރުން ދައްކަމުންދާ ވަޒީފާގެ ބިރު ޤާނޫނުގެ ތެރެއިން ނިމުމަކަށް ގެނައުމަށްކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި ކުރިޔަށްދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޕީޕީއެމް ކިޔަސް، ޕީއެންސީ ކިޔަސް އަދި ޑީއާރުޕީ ކިޔަސް މައިގަނޑުގޮތެއްގައި އެމީހުންގެ ސިޔާސަތަކީ އެކައްޗެއްކަމަށެވެ. އެއީ ބިރު ދެއްކުމާއި އޮޅުވާލުމާއި މުށުތެރޭގައި ރައްޔިތުން ބައިތިއްބައިގެން ކަންކަން ކުރާނެ ސިޔާސަތުކަމަށެވެ.

މިއަދުވެސް ފެންނަނީ އެމަންޒަރުކަމަށާއި އެމްޑީޕީން 2019 ވަނަ އަހަރުގެ މަޖިލީހުގެ ކެމްޕެއިން ކުރީ މިގޮތަށް ނޫންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ގޮތުން ވިސްނުން ތަފާތުވެެގެން އެއްވެސް މުވައްޒަފަކު އޭރު ވަޒީފާއިން ވަކިކޮށް އެކަމުގެ ބިރު ދައްކާފައިނުވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެމަންޒަރު އިޔާދަވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ތިބޭފުޅުންނަށް ޔަގީންކަން މިއަރުވަނީ މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ އެންމެ މުހިންމު ސަބަބަކީ އެއީ. އެގޮތަށް ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނީ ގޮތުން ކަށަވަރުކޮށްފައި ބޭއްވުން. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ އެއީ. ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުން. ބިލެއް މަޖިލީހަށް ހުށަހަޅާ ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ޤާނޫނުގައި ލިޔެ ތަންފީޒުކުރާނަން.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިކެމްޕެއިން ތެރެއިންވެސް އެފަދަ ކަންކަން ޕޯޑިޔަމްތަކުން ފެންނަމުންދާކަމަށެވެ.

މިތަނުގައި ނޫންތޯ އެވާހަކަ ދެއްކީ. ކުންފުނިތަކުގެ ވެރިންނަށް މިއަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތްކުރަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ. ވަކިކުރާށޭ. ދެން އަނެއްކާ ދިއްދޫގައި ހަމަ އެބޭފުޅުން ކެމްޕެއިންގައި އެގޮވާލީ. ކަރަންޓަކީ ދޭންވާނެ އެއްޗެއް. އެއީ އަސާސީ ޚިދުމަތެއް. ތިމަންނަމެންނަށް ވޯޓު ދޭ މީހުންނަށް އެކަންޏޭ ކަރަންޓް ދޭންވާނީ. މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. އެފަދަ ދުއްތުރާ ކުރާ ކަށް ނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހެން ބުނާކަށް. އެކަމަކު ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މިބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ވަރަށް ނާމާން ދުވަސްވަތެއް.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުން އަންނަނީ އެތައް ދޮގެއްހަދަމުންކަމަށެވެ. އަދި އެމްޑީޕީން ފަށާފައިހުރި ހަވާލުކޮށްފައި ހުރި މަޝްރޫޢުތައް މިސަރުކާރުން ފަށާ ކަންކަމުގެ ގޮތުގައި އަލުން ފަށަމުންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވެރިކަމުގައި މުޅި ރާއްޖޭގައި 36 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާކަމަށާއި އެއީ އޭގެކުރިން އައި އެއްވެސް ސަރުކާރެއްގައި ރާއްޖޭގެ ރަށްރަށުގައި މަޝްރޫޢު ނުހިންގާ މިންވަރެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް