ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 19:17
ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާ ސަރަހައްދަށް ރައީސް ވަޑައިގެން އެތަން ބައްލަވާލައްވަނީ
ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާ ސަރަހައްދަށް ރައީސް ވަޑައިގެން އެތަން ބައްލަވާލައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް މަގޫދޫއަށް ވަޑައިނުގަތީ ރައްޔިތުންނާއި ކުރިމަތިލާން ޖެހިލުންވެވަޑައި ގަންނަވާތީ؟
 
ނިލަންދޫން ދަރަނބޫދޫން ބިލެއްދޫއަށް ވަޑައިގަތީ މަގުދޫ އަށް ވަޑައިނުގެން
 
މަގުދޫ އެއަރޕޯޓާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސް ޖަވާބެއް ނުދެއްވި
 
ފ އަތޮޅުގެ 5 ރަށުގެ ތެރެއިން މަގޫދޫއަށް ވަޑައިނުގެން ރައީސް ދަތުރުފުޅު ނިންމަވާލެއްވި

ރަސްމީ ދަތުރުފުޅެއް ކަމަށް ވިދާޅުވެ މިވަގުތު އެންމެ ހޫނުކޮށް އޮތް މައްސަލަ ހިމެނޭ ފ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. ނަމަވެސް މިއީ ސީދާ ކޮއްކޯފުޅުގެ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެކެވެ. ފ. އަތޮޅުގައި މިވަގުތު އެންމެ ހޫނުކޮށް އޮތް މައްސަލައަކީ މަގޫދޫ އެއަރޕޯޓް ހުއްޓާލައްވާ ނިލަންދޫގައި އެއަރޕޯޓް ތަރައްގީކުރުމުގެ މައްސަލައެވެ.

70 އިންސައްތަ މަސައްކަތް ނިމިފައި އޮތް އެއަރޕޯޓެއް އޮއްވާ، އެ މަސައްކަތް ހުއްޓާލައްވާ ނިލަންދޫގައި އަލުންބަލުން ބިން ހިއްކާ އެއަރޕޯޓް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. އެންމެ ބޭނުމަކަށްޓަކައެވެ. ދިވެހީންގެ މަޖިލީހަށް ކޮއްކޯފުޅު ހޮވުމަށެވެ. އަދި ކަންއޮތީވެސް އެހެންނެވެ.

5 ރަށުގެ މައްޗަށް އެކުލެވޭ ފ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންނެވި އިރު، މަގޫދޫއަށް ވަޑައިނުގަންނަވައެވެ. އަތޮޅު ރަށްތަކުގެ މެދުގައި އޮންނަ މަގޫދޫ ކައިރިން ލާފައި ރައީސް ދަނރަބޫދޫ ހުރަސްކޮށް ބިލެތްދޫއަށް ވަޑައިގަތީވެސް މަގޫދޫ އެއީ ވުޖޫދުގައި އޮތް ރަށެއްކަން ދެނެވަޑައިގެން ހުންނެވިކަމަށްވެސް ނުހައްދަވައެވެ.

ކޮންމެއަކަސް މަގޫދޫ ކައުންސިލަކީ ގޮތްދޫކުރާ ކައުންސިލެއް ނޫނެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ އަދި ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކައުންސިލެކެވެ. އެހެންވެ ފުރައިގެން ދިޔައީ ރައީސާއި ބައްދަލުކުރަން ބިލެތްދޫއަށެވެ. ވަކިން ހާއްސަކޮށް އެއަރޕޯޓުގެ ވާހަކަ އޮޅުންފިލުވުމަށެވެ.

ނަމަވެސް ރައީސް ދެއްވީ ބީރުކަންފަތެކެވެ. އެއަރޕޯޓެއް އެތަނުގައި ތަރައްގީކުރަމުން އަންނަކަން ދެނެވަޑައިގެން ހުންނެވިކަމަށްވެސް ނުހެއްދެވިއެވެ. އެހެންތޯ އެހެންތޯ އަސްލުވެސްތޯ ވިދާޅުވެ ނިންމާލިއެވެ. ނަމަވެސް ރައީސްގެ ގަރާރަކުން އެއަރޕޯޓް ހަދާ ރަށްރަށުގެ ލިސްޓު އަލުން މުރާޖާ ކުރި އިރު މަގޫދޫގެ ނަން އޮތީ ފޮހެލާފައެވެ.

މަގޫދޫގެ އެއަރޕޯޓް ކޮއްކޯފުޅު މަޖިލީހަށް ހޮވުމަށް ނިލަންދޫއަށް ބަދަލުކުރެއްވީއެވެ. އަދި މިހާތަނަށް އައި އިރު މަގުދޫ ރައްޔިތުންނަށް މި ސަރުކާރުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. ހަމަގައިމު ރައީސްގެ މި ދަތުރުފުޅަކީ ރައީސް ޚުދު ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ކަންކަން އޮޅުންފިލުއްވައިދެއްވަން ލިބިވަޑައިގެންނެވި ފަހި ފުރުސަތަކަށް ވެގެންދާނެކަމާއި މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.

ނަމަވެސް މަގޫދޫގެ ރައްޔިތުންނާއި މެދު ރައީސް ވެވަޑައިގެންނެވި އިހުމާލެއްގެ ބޮޑުކަމުން އެރަށް ހުރަސްކޮށްފައި ދިޔައިރު ހޭވެސް އަހާނުލައްވައެވެ. އެއަރޕޯޓަށް ހިއްކި ބިމާއި އެތަނުގެ މަސައްކަތް ފެންނަހާ ގާތުން ގޮސް ވަނީ ބިލެއްދޫއަށެވެ. ކުޑަރަށެއް ބޮޑުރަށެއް، ސިޔާސީ ފިކުރަކަށް ނުބަލާ އަދި ކުރީ ސަރުކާރުން ފަށާފައި ހުއްޓަސް ތަރައްގީގެ މަސައްކަތެއް ނުހުއްޓުވާނެކަމަށް ވިދާޅުވި ރައީސް މިއަދު 'ފިނޑި' ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގާނޫނު އަސާސީގައި ބުނަނީ ކޮންމެ ދިވެހިރައްޔިތަކުވެސް ހަމަހަމަ ކަމަށެވެ. ނަމަވެސް މި ރައީސްއަކަށް ހަމަހަމައެއް ނުވިއެވެ. މި ރައީސްއަށް ކޮއްކޯފުޅުގެ ގޮނޑިކޮޅު މުހިންމެވެ. އެހެންކަމުން މަގޫދޫ ރައްޔިތުން ގުރުބާން ކަންބަޅިއަކަށް ހަދާފައިވެސް އެކަން ކުރެއްވީއެވެ. މިއީ މިހާތަނަށް މިފަދަ ހައްސާސީ މައްސަލައެއްގައި ލޮލަށް ފެންނަ ހިސާބުގައި ހުރެފައިވެސް ރާއްޖޭގެ ވެރިއަކު އެކަމާއި ފަރުވާލެއް ނެތް ކަމަށް ދައްކާ ހުތުރުގޮތަކަށް އަމަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ނުވަތަ މަގޫދޫ ރައްޔިތުން ބުނާގޮތަށް މި ރައީސްއަކި 'ފިނޑި' ރައީސެކެވެ. އެންމެ ކުޑަމިނުން ރައްޔިތުންނާއި ސަލާމްކޮށްލަން ބަނދަރަށްވެސް މަޑުކޮށްލަން ކެރިވަޑައިނުގެން ކަމަށެވެ. ހަގީގަތުގައިވެސް އެ ބުނަނީ ތެދަކަށް ވެދާނެއެވެ. އެހެން ނޫންނަނަމަ ކެރި ވަޑައިގެން އެރަށުގައިވެސް ތިބީ ދިވެހި ރައްޔިތުންކަމަށް ދެކެވަޑައިގެން ކޮންމެވެސް އެއްޗެއް އެރަށަށް ވަޑައިގެން ވިދާޅުވާނެތާއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި މަގޫދޫއަށް ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައީސް ވަރަށް ބޮޑަށް މަގުދޫ އެކަހެރިކުރެއްވިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަތޮޅުގެ 5 ރަށުން 4 ރަށަށް ވަޑައިގެންނެވި އިރު މަގޫދޫއަށް ވަޑައިނުގެންނެވުމުން އެއިން ދޭހަވަނީ މި ސަރުކާރުން މަގޫދޫ އެކަހެރިކޮށްލުން ކަމަށެވެ. އަދި ކައުންސިލުން ގަބޫލުކުރަނީ މަގޫދޫގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއު ހުއްޓާލާފައި އޮތުމުން ރައީސްއަށް ވަޑައިގަންނަވަން ނުކެރުނީ ކަމަށާޢި، ތަކުރާރުކޮށް އެއަރޕޯޓުގެ ވާހަކަ ދެއްކީމާ އެއަރޕޯޓްގެ މަސައްކަތް ހުއްޓާލިކަން އެނގިފައި ނެތް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ނަމަވެސް ރައީސްގެ ގަރާރެއްގައި ހިމެނިގެން ތަރައްގީކުރާ އަދި ނިންމާ އެއަރޕޯޓުގެ ލިސްޓުން މަގޫދޫ އުނިކޮށްފައިވާއިރު، ނިލަންދޫ އެ ލިސްޓުގައި ހިމެނިފައިވުމުންވެސް މަގޫދޫ އެއަރޕޯޓުގެ ކަންކަން ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުން އިހްތިޖާޖުކުރަމުން ދިޔަ އިރުގައި ރަސްމީ އިދާރާއަކުން ހުއްޓުވާފައި ނުވާކަމަށް ވިދާޅުވާއިރު 200 އެތައް މުވައްޒަފުން މަސައްކަތެއް ނެތި އެއަރޕޯޓުގައި ތިބި ކަމަށާއި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއަރޕޯޓުގެ މަސައްކަތް ފަށާނެ ތާރީހެއް ވިދާޅެއް ނުވި ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ތަރައްގީގެ އެއްވެސް މަސައްކަތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވާއިރު، މަގޫދޫ އެއަރޕޯޓުގެ ތަސައްވުރަކީ ކޮބައިތޯ ވިދާޅުވުމުން ސާފު ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި ރައީސް ވަޑައިނުގަތީ އެއަރޕޯޓުގެ މަޝްރޫއު ހުއްޓާފައި އޮތުމުން ކަމަށާއި، ރައީސްއަށް ވީ އެންމެ އަވަހަކަށް ވަޑައިގަތުމަށް ކައުންސިލުން ދައުވަތުދެއްވާފައިވާނެކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ވަޑައިގަތުމަށް ރައީސަށް ދައުވަތު ދެއްވި އިރު، އެ ދަތުރުގައި އެއަރޕޯޓު ހުޅުވައިދެއްވުމަށް ވަޑައިގަތުމަށްވެސް ކައުންސިލުން އެދުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލި އިރު އެ އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޓާމިނަލް އެޅުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ހިމެނޭހެން 70 އިންސައްތައިގެ މަސައްކަތް ނިންމާފައި އޮއްވާ ކުއްލިއަކަށް ނިލަންދޫގައި އެއަރޕޯޓެއް އެޅުމަށް ނިންމާ މިހާރު ދަނީ އެރަށުގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
33%
0%
67%
0%
0%
ކޮމެންޓް