ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 18:45
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ
ކެންސަރު ހޮސްޕިޓަލް ފޭރިގަތުން
މިސަރުކާރުން ވަނީ ގަމުގައި އެޅުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް ފޭރިގެންފައި: ޝާހިދު
 
ގަމުގެ ތަރައްގީއަށް ވެސް މަސައްކަތެއް ކޮށްފައިވަނީ އެމްޑީޕީން ސަރުކާރުން
 
މެންޓަލް ހޮސްޕިޓަލެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ ގަމު ރައްޔިތުންނަކީ މޮޔައިން ކަމަށް ގަބޫލުކޮށްގެން
 
އެ ހޮސްޕިޓަލް ފޭރިގަނެފައިވަނީ ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްނިމުނުފަހުން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ލ.ގަމުގައި އެޅުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މިސަރުކާރުން ގަމު ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ލ.ގަމުގައި ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް ނިންމީ ގަމުގައި ކަމަށާއި، އެއީ ގަމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް މިސަރުކާރުން އެމަޝްރޫއު ވެސް ފޭރިގަނެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލް ފޭރިގަނެފައިވަނީ އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްނިންމައި، ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށްޓަކައި ބިޑް މަރުހަލާގައި އޮއްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ފޭރިގަތުމަށްފަހު ގަމުގައި މެންޓަލް ހޮސްޕިޓަލެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ ގަމު ރައްޔިތުންނަކީ މޮޔައިން ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އަދި މިސަރުކާރު ގަމު ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ކަމެއްނުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބަދުވެސް ޕީޕީއެމް-ޕީއެންސީ ސަރުކާރުން ކޮށްއުޅޭ ކަމަކީ ކާޅު ހާއްޔަށް ކޮވެލި ބިސްއަޅާހެން އަޅުގަނޑުމެން ތައްޔާރުކޮށްފައި އަޅުގަނޑުމެން ސަރުކާރުން ތައްޔާރުކޮށް ނިންމާފައި ހުންނަ ޕްރޮޖެކްޓަށް އެބޭފުޅުން ވަޑައިގެންފައި އެއަށް ދަވާދުލައި ރީތިކޮށްލާފައި ތިމަންނަމެން ނިންމާފައި ކަމެކޭ ވިދާޅުވެ އެކަން ކުރައްވަމުން ގެންދަވަނީ. މިދިޔަ ފަސް މަސް ދުވަސްތެރޭގައި އެއްވެސް އައު ކަމެއް މިސަރުކާރަށް ކުރެވިފައިނުވޭ. ވިދާޅުވި ހުޅުމާލޭގައި މަސްދުވަސް ހަމަނުވަނީސް މި ހުޅުވާލީ ބިންގާ މިއެޅީ ސްކޫލެއްގައޭ. އެ ސްކޫލުގެ ބިންގާ އެޅުމަށް ބިޑްކޮށް ބިޑް އިވެލުއޭޓްކޮށް، މަސައްކަތް ކުރަންއޮތް ޕާޓީއަށް މަސައްކަތް ހަވާލުކޮށް ހުރިހާ ކަމެއް ނިމިފައި އޮތީ. ކުރެއްވިހާ ވެސް މަސައްކަތަކީ ގާބުރިއެއް ބާއްވާފައި ދޮގެއް ހައްދަވާލެއްވީ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ގަމުގެ ތަރައްގީއަށް ވެސް މަސައްކަތެއް ކޮށްފައިވަނީ އެމްޑީޕީން ސަރުކާރުން ކަމަށެވެ. ޕީޕީއެމް-ޕީއެންސީ ސަރުކާރުން ތަރައްގީއަށް މަސައްކަތް ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ކެންސަރު ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ މާލެސިޓީގައެވެ. އެ ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ ދުބާއީގެ ފަންޑެއްގެ ތެރެއިން ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް