ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 18:38
ބިލެތްދޫގައި ބޭއްވި ބައްދަލުވުމުގައި މަގޫދޫ ކައުންސިލްގެ މެންބަރުނާއެކު ރައީސް
ބިލެތްދޫގައި ބޭއްވި ބައްދަލުވުމުގައި މަގޫދޫ ކައުންސިލްގެ މެންބަރުނާއެކު ރައީސް
ރައީސް އޮފީސް
މަގޫދޫ އެއަރޕޯޓް
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ރައީސް ނުދެއްވާ - ކައުންސިލް
 
މަގުދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތްކަމަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ނުހެއްދެވި
 
ފ އަތޮޅުގެ 5 ރަށުގެ ތެރެއިން މަގޫދޫއަށް ވަޑައިނުގެން ރައީސް ދަތުރުފުޅު ނިންމަވާލެއްވި
 
މަގުދޫ އެއަރޕޯޓާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސް ޖަވާބެއް ނުދެއްވި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފ. މަގޫދޫގައި ތަރައްގީކުރަމުން އައި އެއަރޕޯޓުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާއިރު، އެ މަސައްކަތް އަލުން ފަށާނެކަމުގެ ޔަގީންކަމެއް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުދެއްވި ކަމަށް މަގޫދޫ ކައުންސިލުން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ބިލެތްދޫގައި މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ މިފަދައިންނެވެ. ނަމަވެސް މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި މަގޫދޫއަށް ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައީސް ވަރަށް ބޮޑަށް މަގުދޫ އެކަހެރިކުރެއްވިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަތޮޅުގެ 5 ރަށުން 4 ރަށަށް ވަޑައިގެންނެވި އިރު މަގޫދޫއަށް ވަޑައިނުގެންނެވުމުން އެއިން ދޭހަވަނީ މި ސަރުކާރުން މަގޫދޫ އެކަހެރިކޮށްލުން ކަމަށެވެ. އަދި ކައުންސިލުން ގަބޫލުކުރަނީ މަގޫދޫގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއު ހުއްޓާލާފައި އޮތުމުން ރައީސްއަށް ވަޑައިގަންނަވަން ނުކެރުނީ ކަމަށާޢި، ތަކުރާރުކޮށް އެއަރޕޯޓުގެ ވާހަކަ ދެއްކީމާ އެއަރޕޯޓްގެ މަސައްކަތް ހުއްޓާލިކަން އެނގިފައި ނެތް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ނަމަވެސް ރައީސްގެ ގަރާރެއްގައި ހިމެނިގެން ތަރައްގީކުރާ އަދި ނިންމާ އެއަރޕޯޓުގެ ލިސްޓުން މަގޫދޫ އުނިކޮށްފައިވާއިރު، ނިލަންދޫ އެ ލިސްޓުގައި ހިމެނިފައިވުމުންވެސް މަގޫދޫ އެއަރޕޯޓުގެ ކަންކަން ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުން އިހްތިޖާޖުކުރަމުން ދިޔަ އިރުގައި ރަސްމީ އިދާރާއަކުން ހުއްޓުވާފައި ނުވާކަމަށް ވިދާޅުވާއިރު 200 އެތައް މުވައްޒަފުން މަސައްކަތެއް ނެތި އެއަރޕޯޓުގައި ތިބި ކަމަށާއި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއަރޕޯޓުގެ މަސައްކަތް ފަށާނެ ތާރީހެއް ވިދާޅުނުވި ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ތަރައްގީގެ އެއްވެސް މަސައްކަތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވާއިރު، މަގޫދޫ އެއަރޕޯޓުގެ ތަސައްވުރަކީ ކޮބައިތޯ ވިދާޅުވުމުން ސާފު ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި ރައީސް ވަޑައިނުގަތީ އެއަރޕޯޓުގެ މަޝްރޫއު ހުއްޓާފައި އޮތުމުން ކަމަށާއި، ރައީސްއަށް ވީ އެންމެ އަވަހަކަށް ވަޑައިގަތުމަށް ކައުންސިލުން ދައުވަތުދެއްވާފައިވާނެކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ވަޑައިގަތުމަށް ރައީސަށް ދައުވަތު ދެއްވި އިރު، އެ ދަތުރުގައި އެއަރޕޯޓު ހުޅުވައިދެއްވުމަށް ވަޑައިގަތުމަށްވެސް ކައުންސިލުން އެދުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލިއިރު އެ އެއާޕޯޓުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޓާމިނަލް އެޅުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ހިމެނޭހެން 70 އިންސައްތައިގެ މަސައްކަތް ނިންމާފައި އޮއްވާ ކުއްލިއަކަށް ނިލަންދޫގައި އެއަރޕޯޓެއް އެޅުމަށް ނިންމާ މިހާރު ދަނީ އެރަށުގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް