ހަންކެޑެ ޕްރޮޖެކްޓަށް ފައިނޭންސްކުރާ ބޭންކާ އެކު އެމްއެފްސީން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެކަން ކުރީ ރިޔާސީ އިންތިޚާބަށް ފަހުކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢެއް ހިންގުމަށް ހަންކެޑެ ތަރައްޤީކުރުމަށް 142 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.2 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް އެމްޑީޕީގެ ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން މިދިޔަ ސަރުކާރު ނިމިގެންދިޔައިރުވެސް އެ ފައިސާ ހަމަޖެހި ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހަމައެހެންމެ އެ ކުންފުނިން ފައިނޭންސިން ނުވަތަ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި މަޝްރޫޢު ހިންގޭނެ ގޮތެއް ހިއްސާކޮށްފައި ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ފައްޔާޒް ގެންދަވަނީ ކަން ދޮގުކުރައްވަމުންނެވެ. މީގެ ކުރިން ފައްޔާޒް ވިދާޅުވީ، ހަންކެޑެ މަޝްރޫޢު އަށް ފައިސާ ހަމަނުޖައްސާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރެވި ބޭންކާ އެކު ލޯން އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅޭ އީޕީސީ، އެމްއޯޔޫ އަދި ލޯނު އެއްބަސްވުމުގައި ސަރުކާރުން ވަނީ އެމްއެފްއެމްސީއާ އެކު ސޮއިކޮށްފައި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެކަން ނުކުރާ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. އަދި އެ ވާހަކަ ދެއްކުމުން މި މަހުގެ 15 ވަނަ ދުވަހު ހަންކެޑެ މަޝްރޫޢު ކުރިއަށް ގެންދަން ފަށާކަން އެނގިވަޑައިގަންނަވާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ގާބިލްކަމެއް ނެތުން. ނޫނިއްޔާމު. ދޮގު، ދޮގު، ދޮގު، ދޮގު. އަޅުގަނޑުމެން ރަމަޟާން މަސް ތެރޭގައި ގުރުއާން ކިޔަވާއިރު ދެ ލަފްޒެއް ފާހަގަވޭ. އެކައްޗަކީ ބަނީ އިސްރާއީލުގެ ވާހަކަ. ދެން ފެނުނީ ކައްޒާބުގެ ވާހަކަ. އިރުއިރުކޮޅާ ކައްޒާބު އެބަ އާދޭ. ބަނީ އިސްރާއީލާއި ކައްޒާބާއި ވަރަށް ގުޅޭ. ކައްޒާބުގެ މާނައަކީ ދޮގުހެދުން، އޮޅުވާލުން.އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް
ފައްޔާޒް ވަނީ އައްޑޫގެ ތަރައްޤީ އަށް އެންމެ ބޮޑަށް މަސައްކަތްކޮށްދިނީ އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ. އަދި އަދުގެ ސަރުކާރަށް 6 މަސް ދުވަސް ވެގެންދާ އިރު، ކުރިއަށް ދަނީ ކުރީ ސަރުކާރުން ފައިސާ ހޯދައި، ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާ މަޝްރޫޢުތައް އެކަނި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.