މިރާއްޖޭގައި މިސަރުކާރަށް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވޭނީ ކޮންމެވެސް ފެނާންޑޯ ކަހަލަ މީހަކު ފެނުމުން ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ތަރައްގީއަށް ފަށާފައިހުރި މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ސަރުކާރުން ވޯޓު ބޭނުންވާ ކަމަށްވާނަމަ އެމަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މާ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާ މަންޒަރު ދެއްކުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މިސަރުކާރު ވެރިކަމަށް އައިގޮތަށް އަލިއަޅުއްވާލައްވައި ރައީސް ސާލިހު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން ކަމަށާއި، ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ. އެހެންކަމުން މިއަދު އެދޮގުތަކުގެ ވާހަކަތައް ދައްކަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އައްޑޫސިޓީގައި އިންޑިއާ ސާރުކާރުގެ އެހީގައި ގާއިމްކުރި ފުލުހުންގެ ކޮލެޖާއި ގުޅޭގޮތުން ވެސް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދެއްކި ކަމަށެވެ. ނަމަވެސް އެ ކޮލެޖް ހުޅުވައި، ޓްރެނިންތައް ފެށިގެންދިޔައިރު ވެސް އިންޑިއާގެ ހަތިޔާރުއެޅި ސިފައިން އެ ކޮލެޖުން ނުފެނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ތަރައްގީގެ މަޝްރޫއު ހުއްޓުވާފައި ކުންފުނިތަކުގައި ފައިސާ ނެތް ކަމަށް ސަރުކާރުން ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ފާއިތުވި ދުވަސްތަކުގައި ވަޒީފާތައް އިތުރުކޮށް މުސާރަތައް ދީފައި އޮތްކަން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ހުރި ގޮތުގެ ތަފްސީލަށް ބަލާއިރު ހާމަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ބަޖެޓު ތަންފީޒު ކުރަމުންދާ ގޮތަށްބަލާއިރު މިސަރުކާރަށް އެއްވެސް ކަމެއް ކުރެވޭނީ އަނެއްކާ ވެސް ފެނާންޑޯ ކަހަލަ މީހެއް ފެނުމުން ކަމަށެވެ.
ހަމަ އެގޮތަށް ޔޫޓީއެފްގެ ކަންތައް ވެސް ދިޔައީ. މިއަދާ ހަމައަށް އައިރު ވެސް މިތާގައި ތިބި ބޭރުގެ ސިފައިންގެ އަދަދު ވިދާޅެއް ނުވޭ. ދެފަހަރަކު އެއް އަދަދެއް ވިދާޅެއް ނުވޭ. ވިދާޅެއް ނުވެވޭނެންނުންތޯ ނެތް ބައެއްގެ ވާހަކައެއް. އެހެންވެ ނުފެނުނީ ރޯހިތް ނުފެނުނީ ޔޫޓީއެފްއިން. އެތާ ނެތީމަ. ނެތް މީހަކު ނުފެންނާނެ. ދެން އޭރު ދެންނެވިހެން ރާޖޫއެއް ފެނިގެން އެކަމެއް ކުރީ. ދެން ވެސް މިރާއްޖޭގައި މިސަރުކާރުން ކަމެއް ކުރަންޏާ ކުރާނީ ކޮންމެވެސް ފެނާންޑޯއެއް ނޫނިއްޔާ ކޮންމެވެސް މީހަކު ފެނުނީމަ. އެނޫން ގޮތަކަށް އަޅުގަނޑަށް ހިޔެއް ނުވޭ ކަމެއް ކުރާނެހެންނެއް. އެކަހަލަ ވިސްނުމެއް ވެސް ނެތް. އަޅުގަނޑުމެންނަށް އެކަން މި ފާހަގަވަނީ މިހާރު މިއޮތް ބަޖެޓު ތަންފީޒު ކުރަމުންދާ ގޮތުންއެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވަނީ މިސަރުކާރުން ކެންޕޭނަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ސާލިހު ވިދާޅުވީ އެއީ ހަގީގަތެއް ކަމަށްވާނަމަ އެމައްސަލަ ބަލަންޖެހޭ ކަމަށާއި، ރައްޔިތުން ދައްކާ ޓެކްސްގެ ފައިސާ ހަރަދުކުރާ ގޮތް އެނގެން ޖެހޭ ކަމަށެވެ.