ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 08:07
ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ ރައްޔިތުން މުޒާހަރާގައި
ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ ރައްޔިތުން މުޒާހަރާގައި
ރާއްޖެއެމްވީ
ކުޅުދުއްފުށީ ކަރަންޓު މައްސަލަ
ކަރަންޓު މައްސަލަ ހައްލުނުވެ އެންމެ ފަހުން ކުޅުދުއްފުށީ ރައްޔިތުން މުޒާހަރާއަށް
 
4 ދުވަސްތެރޭގައި ހައްލުވާނެކަމަށް ބުނި ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ނުލިބޭ
 
ކަރަންޓު މައްސަލަ ދިމާވާތާ ދޮޅު މަސް

ކަރަންޓު މައްސަލަ ހައްލުނުވެގެން އެންމެ ފަހުން ހދ. ކުޅުދުއްފުށީ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.

ދޮޅުމަސް ދުވަސް ވަންދެން ކަރަންޓުގެ މައްސަލަ ދިމާވެ، އެ މައްސަލަ ހައްލުނުވެގެން އެންމެ ފަހުން ރައްޔިތުން ނުކުމެ މުޒާހަރާކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ފެނަކަ އިންޖީނުގެ ކުރިމަތީގައެވެ.

އެތަނަށް އެއްވެ މުޒާހަރާކޮށްފައިވާ މީހުން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުމުން، މުދަލަށް ލިބުނު ގެއްލުމަށް ބަދަލުދިނުމަށް ގޮވާލާފައެވެ. އަދި ކުޅުދުއްފުށި ރައްޔިތުން ވަނީ ހަލާކުވި މުދާ ހޯދުމަށް ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް އޭގައި ސޮއިކުރަން ވެސް ފަށާފައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ރާއްޖެއެމްވީއާއި ވާހަކަދެއްކި މީހަކު ބުނީ ދޮޅުމަހަށްވުރެ ގިނަ ދުވަސް ވަންދެން ވަކި ސަރަހައްދަކުން ބަހައިގެން ކަރަންޓު ކަނޑަން ފެށި ކަމަށާއި، ކުރީ ބައިގައި އެންގުމަކާއި ނުލާ ކަރަންޓު ކެނޑުމުގެ ސަބަބުން އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވެފައިވާ ކަމަށެވެ. އަދި އެކަމަށް ޒިންމާވާނެ މީހަކު ނެތް ކަމަށެވެ.

މީގެ އިތުރުން މިވީހާ ދުވަހުވެސް ސަރުކާރުން ހައްލެއް ނުހޯދާ ކަމަށާއި، ހައްލެއް ހޯދުމަށް މަސައްކަތް ކުރާތަން ނުފެންނަ އޭނާ ބުންޏެވެ. އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން ކެތްކޮށްގެން ތިބެ ހައްލު ނުލިބިގެން އެންމެ ފަހުން ސުލްހަވެރި މުޒާހަރާއަށް ރައްޔިތުން ނުކުންނަން މަޖުބޫރުވީ ކަމަށެވެ.

މީގެ އިތުރުން ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަނީ ޕެޓިޝަން ރައީސްއާ ހަމައަށް ގެންދަވާނެކަމަށް ވިދާޅުވެފައިކަމަށް ވެސް ރާއްޖެއެމްވިއާއި ވާހަކަ ދެއްކި ކުޅުދުއްފުށީ މީހަކު ބުންޏެވެ.

އޭނާ ބުނީ މައްސަލަ ހައްލުވާނެކަމަށް ސަރުކާރުން ބުނީ 4 ދުވަސް ތެރޭގައި ނަމަވެސް އެހެން ބުނިފަހުން ވެސް ހަފްތާއެއް ވެއްޖެ ކަމަށެވެ. އަދި ކުރިން އެންގުމަކާއި ނުލާ ކަަރަންޓު ކަނޑަން ފެށުމުން ރައްޔިތުން އެވާހަކަ ސޯޝަލް މީޑިއާގައި ދައްކަން ފެށުމުން ޝެޑިއުލްއާ އެއްގޮތަށް ކަރަންޓު ކަނޑަމުންގެންދާނެކަމަށް ފެނަކައިން ބުނި ކަމަށެވެ. ނަމަވެސް އެކަންވެސް އެގޮތަށް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް