8 އެޕްރިލް 2024 ވާ ހޯމަ ދުވަހަކީ އަނެއްކާވެސް ފުރިހަމަ އިރުކޭތައެއް ހިފާ ދުވަހެކެވެ. މިފަހަރުގެ ފުރިހަމަ އިރުކޭތަ އެންމެ ރީތިކޮށް ފެންނާނީ މެކްސިކޯ އެމެރިކާ އަދި ކެނެޑާ އަށެވެ. ނަމަވެސް މިނޫން ގައުމުތަކަށް ވެސް ކުޑަކޮށް ކޭތަ ހިފާފަ ހުއްޓާ ފެންނާނެއެވެ.
ފުރިހަމަ ކޭތައިގެ ހިޔަނި ފުރަތަމަ އެޅޭނީ މެކްސިކޯ ކައިރިން ޕެސިފިކް ކަނޑަށެވެ. އެއަށް ފަހު އެތިން ގައުމު ހުރަސްކޮށް އެޓްލާންޓިކް ކަނޑަށް ހިޔަނި އެޅޭނެއެވެ.
ދުނިޔެ އެނބުރެމުންދާވަރަކަށް ފުރިހަމަ ކޭތަ ފެންނަން ހުންނަ ސަރަހައްދުތައް ބަދަލުވަމުން ގޮސް މެކްސިކޯއަށް ކޭތަ ފެންނަން ފަށާތާ އެއްގަޑި 40 މިނެޓު ފަހުން ކެނެޑާގެ އިރުމަތީ ކަނަށް ކޭތަ ފެންނާނެއެވެ. އެތިން ގައުމު ހުރަސްކޮށް އިރުކޭތައިގެ ހިޔަނި އެޅެމުން ދާއިރު ކޭތަ ފެންނާނީ 115 މޭލެއްހާ ފުޅާމިނުގެ ސަރަހައްދަކަށެވެ. އެތައް ޓައިމް ޒޯނެއް ހުރަސްކޮށް ކޭތަ ފެންނަ ސަރަހައްދުތައް ދައުރުވަމުން ދާއިރު އެންމެ ފުރަތަމަ ފެންނާނީ މެކްސިކޯ އަށެވެ. އެއީ އެތާ ގަޑިން 11:07 އެހާއިރުއެވެ. މެކްސިކޯ އާއި ރާއްޖެއާ އެގާރަ ގަޑިއިރުގެ ޓައިމް ޑިފަރެންސެއް ހުންނަ އިރު، އެތަނަށް ހެނދުނު 11 ޖަހާއިރުވާނީ ރާއްޖެއަށް ރޭގަނޑު 12 ޖަހާއިރަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/e35234f6-322b-4957-a8f7-2601542666e2.png)
މެކްސިކޯގެ އެއްތަނަކަށް އެންމެ ގިނައިރު ފުރިހަމަ ކޭތަ ފެންނަން ހުންނާނީ 4މިނެޓް 28 ސިކުންތު ވަންދެނެވެ.
މެކްސިކޯއަށް ފަހު އެމެރިކާގެ ޓެކްސާސް އަށް ކޭތަ ފެންނަން ފަށާނީ އެތާ ގަޑިން 13:28 ގައެވެ. ޓެކްސާސްގެ އޮސްޓިންގެ އިތުރުން ފޯޓްވާތު، ޑަލާސް އަށް ވެސް ފުރިހަމަ ކޭތަ ފެންނާނެއެވެ.
ޓެކްސާސް ހުރަސް ކުރުމަށް ވިއްސަކަށް މިނެޓު ނެގުމަށްފަހު އާކަންސާ އަށް ހިޔަނި އެޅެއެވެ. އެއީ އެތާ ގަޑިން 13:45ގައެވެ. އާކަންސާގެ އިތުރުން ޓެނެސީގެ އެއްއަރިމަތީގެ ސަރަހައްދުތަކަށް ވެސް ކޭތަ ފެންނާނެއެވެ. މިގޮތުން އެމެރިކާގެ ފަސް ސްޓޭޓަކަށް ކޭތަ ފެންނާނެއެވެ. އެމެރިކާގެ އިންޑިއާނަޕޮލިސް އަށް ވެސް ފުރިހަމަ ހަތަރު މިނެޓު ފުރިހަމަ ކޭތަ ފެންނާނެއެވެ.
އެމެރިކާއަށް ފަހު ކެނެޑާއަށް ކޭތަ ފުރަތަމަ ފެންނާނީ ޕެލީ އައިލަންޑް ކިޔާ ޖަޒީރާ އަށެވެ. އަދި އެމެރިކާއާއި ކެނެޑާ ހިއްސާކުރާ މަޝްހޫރު ވޯޓަރފޯލް، ނިއާގަރާފޯލްގެ ފެންގަނޑަށް އަންނާނެ ބަދަލުތައް ބަލާލުމަށް ގިނަ ބަޔަކު އުންމީދު ދަނީ އުންމީދުކުރަމުންނެވެ. އެހިސާބަށް ކޭތަ ފެންނާނީ އެތާގަޑިން 15:18ގައެވެ. ކެނެޑާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މޮންޓްރިއޯލް އަށް ފުރިހަމަ ކޭތަ ފެންނާނީ 85 ސިކުންތަށް ކަމަށެވެ.
އެމެރިކާއަށް އެއްކޮށް ކޭތަ ވީއްލާނީ 15:35 ގައެވެ.
ކެނެޑާއަށް ފަހު އެންމެ ފަހުން ކޭތައިގެ ހިޔަނި އެޅޭނީ ނިއުފައުންޑްލަންޑަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/03fa1483-a8e7-498e-8ff8-fdb4ad98f2dd.png)
ހޯމަ ދުވަހުގެ އިރުކޭތަ ފެންނަ ސަރަހައްދުތަކުގައި ދިރިއުޅޭ 31 މިލިއަނެއްހާ މީހުންގެ އިތުރުން ވަރަށް ގިނަ އަދެއްގެ ބަޔަކު ހަމައެކަނި ކޭތަ ބަލާލާ ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ނޯތު އެމެރިކާއަށް ވަނީ ދަތުރު ކޮށްފަ ކަމަށް ހަބަރުތައް ބުނެއެވެ.
ވިލާ ހުންނަ ގޮތުން ކޭތަ ނުފެނިދާނެ ކަމަށްޓަކައި އެއްބަޔަކު ވިލާތަކުގެ މަތިން ބަލާލުމަށް މަތިންދާ ބޯޓު ދަތުރުތައް ވެސް ދަނީ ރާވަމުންނެވެ. މީގެ ތެރޭގައި ތަޖުރިބާ ހޯދުމުގެ ދަތުރުތަކެއް ނާސާގެ ބައެއް ޕައިލެޓުން ވަނީ ރާވާފައެވެ.
ފުރިހަމަ އިރުކޭތައެއް ހިފުމުން ދުނިޔެއަށް އަންނާނެ ބަދަލުތަކުގެ ތެރޭގައި ބައެއް ޖަނަވާރުތަކަށް ރޭދުވާ އޮޅި ތަފާތު ގޮތްގޮތަށް އުޅެން ފަށާނެކަމަށް ދިރާސާވެރިން ބުނެއެވެ.
ކޭތަ ހިފަމުން ދާގޮތުގެ ޚަބަރުތައް ގެނެސް ދިނުމަށް ބީބީސީ އިން ލައިވް ކަވަރޭޖް އެއް އިގިރޭސިވިލާތުގެ ގަޑިން 14:00 އިން ފެށިގެން ކުރިޔަށް ގެންދާނެއެވެ. އެއީ ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ. މިކަވަރޭޖްގައި އެމެރިކާ އަދި ކެނެޑާއަށް ފޮނުވާފައި ތިބި ރިޕޯޓަރުން މެދުވެރިކޮށް އަޕްޑޭޓްތައް ގެނެސްދޭނެކަމަށް ބީބީސީއިން ބުނެއެވެ.