ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 18:40
އއ.ރަސްދޫ
އއ.ރަސްދޫ
ސޯޝަލް މީޑިއާ
މައާފަށް އެދުން
އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ
 
އެއްވެސް އުމުރެއްގެ އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އާއިލާ އިން ބާރުދޭ ކަމެއް ނޫން
 
އޭނާއަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ
 
އެ ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވެފައިވަނީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިން

އއ. ރަސްދޫ މިސްކިތެއްގެ ފާޚާނާ ހުންނަ ސަރަހައްދުގައި ކުޑަކުއްޖަކަށް އިންޒާރުދީ އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ އެވެ.

އެ ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވެފައިވަނީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި އެ އަމަލު ކުށްވެރި ކުރާކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއް ކަމަށާއި، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމަށެވެ.

އާއިލާގެ ފަރާތުން ފޭސްބުކްގައި އެ ޕޯސްޓު ޖަހަން ޖެހުނީ އެ އާއިލާ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކުރުމުން ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެކަން އެ އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުން ކަމަށްވެސް ބުނެފައިވެއެވެ. ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައަށް އާއިލާ ސިފަވެފައިވަނީ ހަނގާކުރުމަށް ހިތްވަރު ދޭ އާއިލާއެއް ގޮތުގައި ކަމަށާއި، ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި ބުނެފައިވާ ވާހަކަތަކަކީ އާއިލާއިން މި މައްސަލައާމެދު ދެކޭ ގޮތެއް ނޫން ކަމަށެވެ. އަދި އެއްވެސް އުމުރެއްގެ އެއްވެސް މީހަކަށް އެފަދައިން އަނިޔާވެރިވުމަކީ އާއިލާ އިން ބާރުދޭ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަނިޔާކުރުމުގައި ބައިވެރިވި ކުއްޖާ ދިފާއުނުކުރާކަން ފާހަގަކޮށް އާއިލާއިން ބުނެފައިވަނީ ކުށަށް އަދަބު ލިބެންޖެހޭ ކަމަށާއި، އޭނާއަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކުއްޖާ ރަނގަޅު ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ނެރުމަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން އާއިލާއިން ބޭނުންވާ ކަމަށް ވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ރަސްދޫ މިސްކިތެއްގެ ފާޚާނާ ހުންނަ ސަރަހައްދުގައި ކުޑަކުއްޖަކަށް އިންޒާރުދީ އަނިޔާކުރާ ވީޑީއޯ އާއްމުވެފައިވަނީ މިމަހުގެ 5 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އާއްމުވެފައިވާ އެ ވީޑިއޯގައި "ވޯންޓެޑްއޭ ކިޔާފައި ވާހަކަ ނުދައްކާ" ފަދަ އިބާރާތުން އިންޒާރުދީ އެ ކުއްޖާގެ ގައިގައި ޖަހާ ތަޅާ އަނިޔާކުރާތަން ފެނެއެވެ. އަދި ކަކޫމައްޗަށް ތިރިވެ މައާފަށް އެދެން ބުނެ އިންޒާރުދެއެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
33%
33%
0%
0%
0%
33%
ކޮމެންޓް