ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 15:41
ޔާމީން ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި
ޔާމީން ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި
ސަން
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ
ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ، ކަރެކްޝަންސްއިން ބުނަނީ ހުއްދަދިންކަން އެނގިފައި ނެތްކަމަށް
 
މަލީހު ވިދާޅުވީ، ޔާމީން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް
 
އެކަމުގެ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ދީފައެއް ނުވޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާއިރު، އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ފުރަތަމަ ގުޅާލުމުން ކަރެކްޝަންސްއިން ބުނީ ހުއްދަ ދިންތޯ ނުވަތަ ނުދޭތޯ ޔާމީނުގެ ފަރާތުން ސާފުކުރުމަށް އެދޭކަމަށާއި، ކަރެކްޝަންސްގެ ޖަވާބު ޔާމީނަށް ދީފައިވާނެ ކަމަށެވެ.

ރާއްޖެއެމްވީން ސުވާލު ދެންނެވުމުން، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ޖަމާލް ވިދާޅުވީ ރައީސް ޔާމީނަށް ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ލިބިވަޑައިގެންފައި ވާކަމަށެވެ.

އެހެންކަމުން، ޖަލު ހުކުމެއްގައި ހުންނަވާ ބޭފުޅަކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ދެވިފައިވަނީ ކޮން އުސޫލަކުންތޯ ރާއްޖެއެމްވީން ކަރެކްޝަންސްގައި ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ ހެޑް އަހުމަދު ނަސީމް ވިދާޅުވީ، ޔާމީނަށް ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ދީފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ބައިވެރިވާން ހުއްދަ ދިންކަމެއް އެނގިފައެއް ނެތް.
ނަސީމް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން މަލީހު ވިދާޅުވީ، ޔާމީނު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޔާމީނަށް ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ލިބިވަޑައިގެންފައިވޭތޯ ނުވަތަ ނޫންތޯ ދެންނެވުމުން މަލީހު ވިދާޅުވީ، އެކަން ކަރެކްޝަންސްއިން ސާފު ކުރުމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް މަލީހުވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުވެސް، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް، ޖަލުތަކާއި ޕެރޯލް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް