ޖަރުމަނު ލީގުގައި ހެއިޑެންހައިމާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.
ހެއިޑެންހައިމްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބަޔާން ބަލިވީ 3-2 އިންނެވެ. މެޗުގައި ބަޔާނުން ދެ ލަނޑު ޖަހާ ލީޑު ނަގާފައި ވަނިކޮށް، ހެއިޑެންހައިމުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ދެ ލަނޑު ޖެހި އެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ އެ ލަނޑު ޖެހީ ސާޖް ގަނަބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ ގްނަބްރީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލްފަންސޯ ޑޭވިސް އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ހެއިޑެންހައިމްގެ ފުރަތަމަ ލަނޑު ޖެހީ ކެވިން ސެސާ އެވެ. އޭގެ މިނެޓެއް ފަހުން ޓިމް ކްލައިންޑައިންސްޓް ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން ހެއިޑެންހައިމް މޮޅުކޮށްދިނީ ވެސް ކްލައިންޑައިންސްޓް އެވެ. އެއީ މެޗުގެ 79 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ.
ބައްޔާއެކު ބަޔާނަށް ޖަރުމަނު ލީގު ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ވަނީ ގެއްލިފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 28 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު މިހާރު އޮތީ 16 ޕޮއިންޓުގެ ފަރަގެކެވެ.