މާލެ ސަރަހައްދުގައި ކުނި އުކާލަން އަންނަ އާންމު ފަރާތްތަކުގެ އުޅަނދުތަކުން މީގެ ކުރިން ކިލޯއަކަށް 75 ލާރީގެ މަގުން ނަގަމުން އައި ފީ 50 ލާރިއަށް ބަދަލުކޮށްފިއެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުނި އުކާލުމަށް އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީއަށް ބަދަލު ގެނެސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ މަތިން ކަމަށެވެ.
އެ ގޮތުން އޭޕްރީލް 7 ވަނަ ދުވަހުން ފެށިގެން އާންމު ފަރާތްތަކުން ޚިދުމަތުގެ ފީއަކަށް ޗާޖުކުރަމުން ދާނީ ކިލޯއަކަށް 50 ލާރިކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ މާލޭ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ފޯރުދުކޮށްދޭ ޓްރާންސްފަރ ސްޓޭޝަންތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ޗާޖެއް ނަގަމުންދާނެ ކަމަށެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ ކުނި އުކާލުމުގެ ޚިދުމަތުގެ އަގަށް މި ގެނެވުނު ބަދަލާއެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް، މާލޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުނި ކިރާނެ ނިޒާމު ގާއިމުކުރެވެންދެން، ކުނީގެ ބަރުދަން ބަލާނީ ކުނި ގެންނަ އުޅަނދުގެ ރެޖިސްޓްރީގައި އުފުލޭ ބަރުދަނަށް ބިނާކޮށް ކަމަށެވެ.
ކުނި އުކާލުމުގެ އަގަށް ގެނައި ބަދަލާއެކު އާންމު ފަރާތްތަކުގެ އުޅަނދުން ކިލޯއަކަށް 50 ލާރީގެ މަގުން ޗާޖުކުރާއިރު، ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކަށް ކިލޯއަކަށް ޗާޖުކުރާނީ 2 ރުފިޔާ 66 ލާރީގެ މަގުންނެވެ.
ވެމްކޯއިން އާންމު ފަރާތްތަކުން ޚިދުމަތުގެ ފީއަށް 75 ލާރި ޗާޖުކުރަން ފެށީ މި އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ.