ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 15:45
ކާޑުގެ ބާވަތްތައް ދިނުމަށް ސަރުކާރުން ވަނީ އިންޑިއާގައި އެދިފައި
ކާޑުގެ ބާވަތްތައް ދިނުމަށް ސަރުކާރުން ވަނީ އިންޑިއާގައި އެދިފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
 
ކާޑުގެ ސްޓޮކް މަދުވެ، ކާޑު ގެންނަން ސަރުކާރުން އިންޑިއާގައި އެދުމުން ވަގުތުން ވަނީ އެކަން ހަމަޖައްސާފައި
 
ރޯދައަށް ތުރުކީން ގެންނަން ބުނި ކާޑު އަދިވެސް ނުގެނެވޭ
 
މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު ކޯޓާއެއް ދިން ފަހަރު

ސިޔާސީ ހިޔާލުތައް އެންމެން އެއްގޮތެއް ނުވާނެއެވެ. އަދި ސިޔާސީ ގޮތުން އެއިރަކު ވެރިކަންކުރާ ބަޔަކު ބަކި ގައުމަކަކާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވައެވެ. ނަމަވެސް އެއްވެސް ގައުމަކީ ސިޔާސީ ގޮތުން ޖައްސާ ނުލައެވެ. ވެރިކަން ހިނގަމުން އައީ މި ބީދައިންނެވެ. ނަމަވެސް ވެރިކަމަށް ނުފަރިތަ އަދި ސިޔާސަތު ނޭނގޭ ބަޔަކު ވެެރިކަމުގެ ތަހުތުގައި ބޭންދުމުން ދެން ހެދޭ ނުހެދޭއެއް ނޭނގޭނެއެވެ.

ޒަމާންތަކެއް ވަންދެން އިންޑިއާއާއި އޮންނަ ގުޅުން އެކި މަރުހަލާތަކުގައި އެކި ގޮތަށް ގޮސްފައިވެއެވެ. ޕީޕިއެމް/ޕީއެންސީގެ ވެރިކަމުގައި ފިޔަވައެވެ. އެއީ އިންޑިއާ ކަނޑުގައި ބާރު ގަދަކުރުމުގެ މައްސަލައިގައި އިންޑިއާއާއި މާދުރުގައި އޮތް ޗައިނާގެ ކޯޅުމުގެ ސަބަބުންނެވެ. އެ ސަބަބަކީ ކަނޑު އަދި ބާރުވެރިވުމެއްވެސް ނޫނެވެ. އިންޑިއާ ކަނޑުގެ އެންމެ މުހިންމުތަނުގައި ރާއްޖެ އޮވެފައި ވަކި ގައުމަކާއި ގުޅުން ބޮޑުކޮށް އަނެއް ގައުމަކާއި ގުޅުން ކަނޑާލާތީއެވެ.

މިހާރު އޮތް ވެރިކަން ދޮގު ދޮލަނގުގައި ވިއްކައިގެން ވައްކަމުގެ ތުހުމަތު އެޅުވިފައި ތިބި ބަޔަކު ސޯޝަލް މީޑިއާ ހަނާވެގެން ވެެރިކަން ގެނެސް އަނެއްކާވެސް ކުރީ އެއްކަމެކެވެ. އިންޑިއާއި ގުޅުން ކަނޑާލީއެވެ. އިހަށްދުވަހާ ޖެހެންދެން ވެސް އިންޑިއިން ބުލީކުރާކަމަށް ބުނެ އިންޑިއާގެ އެހީ ބޭނުން ނުވާކަމަށް އަޑުގަދަކުރަމުން ދިޔައެވެ.

ނަމަވެސް މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުން އުފެދުނު ސަރުކާރަކަށްވުމުން އެންމެ ފަހުން އެކަންކަމުގެ ތެދު ހާމަވެ މި ސަރުކާރު ގެނައި ރައްޔިތުން މިއަދު ކަރުނަ އަޅަން ފަށައިފިއެވެ. އިންޑިއާން ކާޑާއި ބޭހާއި އެހެން އެއްޗެހި ނުގެނާނެ ކަމާއި، ދޮރުތައް ބަންދުކަމަށް ބުނެ އެހެން ގޮތްތައް ހޯދިއެވެ.

ފުރަތަމަ ވިދާޅުވީ ރޯދައަށް ތުރުކީން ހަނޑޫ ހަކުރު ފުށް ލިބޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަސް ފެށި ރައީސްގެ ވައުފުޅު ފުއްދަވަން ވެސް ބަހަން ޖެހުނީ އިންޑިއާގެ ހަނޑުލާއި ފުށެވެ. ރޯދަ މަސް ދެބައިވި އިރުވެސް ތުރުކީގެ ބޯޓެއް ނާދެއެވެ. ކާޑުގުދަނުން ކާޑު ހުސްވާން ކައިރިވެއްޖެއެވެ. އެންމެ ފަހުން ގޮތް ހުސްވެ އެ ބުނާ ބުލީކުރާ އިންޑިއާގެ ފައިބުޑަށް ވެއްޓިއްޖެއެވެ.

ބޮޑު ސިންގާ ފިރިހެނެއް ރޯހެން އަޑުން އަޑުނަގައި އިންޑިއާގައި ޖެހުނީ އެދޭށެވެ. ނަމަވެސް އެއްކަލަ ބުލީކުރާ ކަމަށް ބުނާ އިންޑިއާއިން ދެވަނަ ވިސްނުމެއް ނުގެންގުޅެ، ރާއްޖެއިން އެދުނުވަރަކަށް އެދުނު އެއްޗެއް ލިސްޓުގައި އިތުރުކޮށްފިއެވެ.

އަޑު ތި އިވެނީ ރަނގަޅަށެވެ. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޚާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ ހިލައާއި ހިލަވެލީގެ އިތުރުން، އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާގެ އިތުރުން މިއަހަރު ކޯޓާ އައުކޮށްދިންއިރު، 5 އިންސައްތަ އިތުރުކޮށްދީފައި ވާކަމަށެވެ. މިވާނީ ސީދާ ހަމަ ބުލީކުރުމަށެވެ. މި ސަރުކާރުން ބުނާ ގޮތުންނަމަ މިއީ ހަމަ ބުލީއެވެ.

މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާއިން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށިފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށްވެސް އިންޑިއާ އެމްބަސީން ބުނެއެވެ. 

ކާބޯތަކެތީގެ އިތުރުން ހިލައާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވަނީ އިތުުރުކޮށްދީފައެވެ. އެގޮތުން ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ. ހައިކޮމިޝަނުން ބުނީ މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިއެރުން ލިބޭނެކަމެއްކަމަށެވެ. މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތައް (ހަކުރު، ފުށް، ހަނޑޫ) މުގުގެ ކޯޓާ ވަނީ 5 އިންސައްތަ އިތުރުކޮށްދީފައެވެ.

އިންޑިއާގައި އުފައްދާ ހަނޑޫ، ހަކުރު އަދި އެ ގައުމުގައި ހައްދާ ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތްއިރު ވެސް އިންޑިއާއިން ވަނީ ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެތަކެތި އެކްސްޕޯޓް ކޮށްފައެވެ. މިއީވެސް އިންޑިއާއިން ބުލީ ކުރުމެވެ. ހަމަ ސީދާ ކަނޑައެޅިގެން ބުލީކުރުމެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކޮށްފައި ވާގޮތުން ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާއިން މިތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެއަށް މި ތަކެތި އެކްސްޕޯޓު ކުރާނެއެވެ.

އިންޑިއާއިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑިއާއިން އިއުލާނުކޮށްފައި ވަނީ ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

އެގޮތުން ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާގެ ކުންފުންޏަކާއެކު މަސައްކަތް ފަށާފައިވާއިރު ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާއެކު އެއްބަސްވުމެއް ވަނީ ހަދާފައެވެ. އަދި އިންޑިޔާއިން ގެންނަ ބޭސް ގެނައުން ހުއްޓާލައި، އެހެން ހިސާބުތަކުން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާސަންދަވެސް އިންޑިޔާ ނޫން އެހެން ގައުމުތަކުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮންމެ ގޮތެއްވިޔަސް ޝިއުނާ، މަލްޝާ އަދި ހީނާ ބުނާގޮތުންނަމަ މިއީ ބުލީ ކުރުމެވެ. ކޯޓާގެ އިތުރުން އިތުރަށް 5 އިންސައްތަ ދިނުމަކީ ހަމަ ބުލީކުރުމެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށްވީތީ 5 އިންސައްތަ އިތުރުކުރުމަކީ ހަމަ ބުލީކުރުމެވެ. ރާއްޖެއަށް ކާޑުގެ ބާވަތްތައް ނުލިބޭނެކަމަށް ހީކޮށް އެ ކޯޓާގެ ދަށުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީވެސް ބުލީ ކުރުމެވެ.

ދިވެހިރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ގައުމެއްކަމުގައި ވިޔަސް ރާއްޖެއަށް ބުލީކޮށްގެން ނުވާނެއެވެ.

ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ