ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 03:06
ޗެލްސީ އަށް ކުޅެމުން އަންނަ އެންކުންކޫ
ޗެލްސީ އަށް ކުޅެމުން އަންނަ އެންކުންކޫ
ރޮއިޓާސް
ޗެލްސީ
މި ސީޒަންގައި އެންކުންކޫ އަށް ކުޅެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް
 
ޗެލްސީގައި އެންކުންކޫ އެންމެ ފަހުން ކުޅުނު މެޗަކީ ކަރަބޯ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު

މިހާރު ކުރިއަށްދާ ސީޒަންގެ ބާކީ ބައިގައި، ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ އެޓޭކިން މިޑްފީލްޑަރު ކްރިސްޓޮފާ އެންކުންކޫ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޗެލްސީގައި އެންކުންކޫ އެންމެ ފަހުން ކުޅުނު މެޗަކީ ކަރަބޯ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗެވެ. އޭގެ ފަހުން އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެ އެވެ. އެންކުންކޫ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައިވާއިރު، އޭނާ އަންނަނީ އަނިޔާ އިން ރަނގަޅުވުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

އެންކުންކޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، މިވަގުތު ޗެލްސީ އާއެކު ފަރިތަކުރުންތަކުގައި އެންކުންކޫ ބައިވެރިނުވާ ކަމަށެވެ. އަދި އޭނާ އަށް ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ވަކި ތާރީޚެއް ބުނަން ނޭނގޭ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، އެއީ ޗެލްސީން އެއްވެސް ވަރަކަށް އުންމީދު ކޮށްގެން ވެސް ތިބި ޙާލަތެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެންކުންކޫގެ ރިކަވަރީގެ ކަންކަން ކުރިއަށް ދަނީ ޗެލްސީން އުންމީދު ކުރި ވަރަށްވުރެ ލަސްކޮށް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. ޕޮޗެޓީނޯ ފާހަގަ ކުރި ގޮތުގައި ކަރަބޯ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނުއިރު ވެސް، އެންކުންކޫގެ އަނިޔާގެ މައްސަލައެއް އުޅެ އެވެ.

ނަމަވެސް އެ މެޗުގެ ކުރިން އެކަން ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަން އިނގުނީ އެ މެޗަށްފަހު ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. އެހެންކަމުން މިއީ ޗެލްސީ އަށް އުނދަގޫ ޙާލަތެއްކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އަނިޔާގެ މައްސަލަ ދިމާވީ ހަމައެކަނި އެންކުންކޫ އަށް ނޫން ކަމަށެވެ. ޗެލްސީ އަށް ކުޅޭ ގިނަ ކުޅުންތެރިންނަށް މި ސީޒަންގައި އަނިޔާގެ މައްސަލަ ދިމާވިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އާރްބީ ލައިޕްޒިގް ދޫކޮށްލުމަށްފަހު އެންކުންކޫ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބަށް އޭނާ ސޮއި ކުރީ، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެންކުންކޫ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 10 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ހަތް މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް