ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 13:30
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ
މަގޫދޫ އެއަރޕޯޓް
ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު
އިންވެސްޓަރ ކޮންފިޑެންސް މިފަދަ ސަބަބުތަކާހުރެ ގެއްލޭ
މަގޫދޫ އެއަރޕޯޓަކީ އިގްތިސާދީ ގޮތުން މަގޫދޫ އަދި ނިލަންދޫއަށްވެސް ފައިދާވާނެ ގޮތަކަށް ޕްލޭން ކުރެވިފައިވާ ކަމެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު މަޖިލީހަށް ގެންނެވުމަށް ފ. މަގޫދޫގައި އަޅަން ނިމިފައި އޮތް އެއަރޕޯޓް ނިލަންދޫއަށް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން ކަމަށާއި، މިއީ ގައުމު ހަލާކުގެ ތެރެއަށް ގެންދިއުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މިސްރާބު ހަމަމަގަށް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ފ. އަތޮޅު މަގޫދޫގައި ކްރޮސް ސަބްސިޑީގެ އުސޫލުން އެއަރޕޯޓެއް އިއުލާންކުރެވި އެއަށް ފައިސާލިބި، އެމްޓީސީސީއާއި ހަވާލުކުރެވި، އެތަން ހިއްކާ، އެތަނުގައި ޓާމިނަލް އަޅާ، ފަޔަރ ސްޓޭޝަން އަޅާ ދެންމެދެންމެ ހުޅުވާ ހިސާބަށް ގޮސްފައި އޮތް ތަނެއްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ މަސައްކަތް ހުއްޓާލާފައި ޖެހިގެން 5 މިނެޓް ދުރުގައި އޮތް ނިލަންދޫގައި، ކޮއްކޯފުޅު މަޖިލީހަށް ގެންނެވުމަށް އެއަރޕޯޓް ބަދަލުކޮށްފައިވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރު އައިފަހުން އިންވެސްޓަރ ކޮންފިޑެންސް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އިންވެސްޓަރުންނަށް މިހާރު ކޮންފިޑެންސެއް ނެތް ކަމަށެވެ. މަގޫދޫ އެއަރޕޯޓް ހެދުމަށްޓަކައި އެތަނަށް އިންވެސްޓް ކުރުމަށް ފައިސާ ދިން މީހުންނަށް މަގޫދޫ ކައިރިން ދިނީ ރިސޯޓް ހަދަން ފަޅެއް ކަމަށާއި، އެއީ 10 މިލިއަން ޑޮލަރު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement

އަދި 10 މިލިއަން ޑޮލަރަށް މަގޫދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވާ އިރު، ނިލަންދޫގެ ރައްޔިތުންނަށް އިގްތިސާދީ މަސައްކަތްތަކާއި ވަޒީފާގެ ފުރުސަތުތަކާއި، ކުދި ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް އެފަޅުން އިތުރު 2 ރިސޯޓް ހެދުމަށް މަގޫދޫ އެއަރޕޯޓަށް އިންވެސްޓް ކުރި އިންވެސްޓަރަށް ކްރޮސް ސަބްސިޑީ އުސޫލުން ދީގެން 20 މިލިއަނަށްވުރެ ގިނަ ޑޮލަރު ދީގެން އެމްޓީސީސީއާއެކު އެއްބަސްވުމެއް ހަދާ އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެ އިންވެސްޓަރަށް ވާނެގޮތެއް ނޭނގޭ ކަމަށާއި، ދައުލަތުން ވެފައިވާ އެގްރީމެންޓްތައް ބާތިލްކުރާނެ ކަމަށެވެ. އަދި މަގޫދޫއާއި ނިލަންދޫގެ ތަރައްގީއާއި އިގްތިސާދަށް ބަލާ ޕްލޭންކޮށްފައި އޮތް ކަމެއް ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށްޓަކައި އެކަން ދޫކޮށްލާފައިވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ ގާބިލުކަމެއް އަދި ވިސްނުމެއްވެސް ނެތް ކަމަށާއި، ދޮގު ހެދުމުގެ އިތުރުން މި ކަންކަމަކީ ވެސް އެހާ ބިރުވެރި ކަންކަން ކަމަށެވެ. މުޅި ދިވެހިރާއްޖެ މުއިއްޒުކޮށް ހަލާކުކޮށްލަމުންދާ ކަމަށާއި، ގައުމު މިދާ މިސްރާބާއި ދޭތެރޭގައި ފުންކޮށް ވިސްނުމަށް ފައްޔާޒް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ބާރުތައް ދީފި ނަމަ މި ސަރުކާރުން އަނިޔާވެރިވެ އަނެއްކާވެސް ރައްޔިތުން ޖެހޭނީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

- ކޮމެންޓް