ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 05:10
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޕީއެސްޖީ
ނިންމުމަށް މީހުން ފާޑު ކިޔަސް، އެންރީކޭގެ ފަރުވާލެއް ނެތް!
 
އެންރީކޭ ބުނީ، ކޮންމެ ހަފުތާއަކު ވެސް އިވެނީ އެއް ލަވައެއް ކަމަށާއި، އެކަމާ ވަރަށް އުނދަގޫ ވެސްވާ ކަމަށް

އޭނާގެ ނިންމުންތަކާ މެދު މީހުން ހިތްހަމަ ނުޖެހި ފާޑުކީ ނަމަވެސް، އެކަމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ، ފްރާންސް ލީގުގައި ޕީއެސްޖީން މާސޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ބަދަލުކޮށްފަ އެވެ. މިފަހުން އައިސް ޕީއެސްޖީން ކުޅޭ މެޗުތަކުގައި އެންރީކޭ އެމްބާޕޭ ބަދަލު ކުރެ އެވެ. އެކަމާ ގުޅިގެން މީހުން އެކި ވާހަކަތައް ވެސް ދައްކަ އެވެ.

އެންރީކޭ ބުނީ، އޭނާގެ ނިންމުންތަކާ މެދު މީހުން ޤަބޫލު ނުވިޔަސް، އެކަމާ އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ، ކޮންމެ ހަފުތާއަކު ވެސް އިވެނީ އެއް ލަވައެއް ކަމަށާއި، އެކަމާ ވަރަށް އުނދަގޫ ވެސްވާ ކަމަށެވެ. ހަމައެހެންމެ އޭނާ އަކީ ޕީއެސްޖީގެ ކޯޗު ކަމަށާއި، ކޮންމެ ހަފުތާއަކު ވެސް ނިންމުންތައް ނިންމާނީ އޭނާ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

އިތުރަށް އެންރީކޭ ބުނީ، ޕީއެސްޖީގައި އޭނާ މަސައްކަތް ކުރަމުން އަންނަނީ، ހަވާލުކޮށްފައިވާ ޒިންމާތަކަށް ބަލައިގެން ކަމަށެވެ. އަދި އަބަދު ވެސް މަސައްކަތް ކުރަނީ އޭނާ އަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަމަށާއި، އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް އެންރީކޭ ބުންޏެވެ.

ޕީއެސްޖީގެ މެޗުތަކުގައި އެންރީކޭ، އެމްބާޕޭ ބަދަލު ކުރަނީ އޭނާ ކުލަބު ދޫކޮށްލަން ނިންމާފައިވާތީ، ކުލަބުގެ އިސްވެރިންގެ އެންގުމަށް ކަމަށް މީޑިއާ ތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ވާހަކަތަކަށް އޭރު ރައްދު ދެމުން އެންރީކޭ ބުނީ، އެއީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ. އޭރު އޭނާ ބުނެފައި ވަނީ، އެމްބާޕޭ ނެތް ޙާލަތަކަށް ވެސް ޕީއެސްޖީން ތައްޔާރުވާން ޖެހޭ ކަމަށެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން އައު ނުކުރާނެކަން އެމްބާޕޭ އޮތީ ކުލަބަށް އަންގައިފަ އެވެ. އަދި އޭނާ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެކަން ކަށަވަރުވެފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
50%
0%
0%
0%
50%
ކޮމެންޓް