ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 12:58
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑު
އަންޗެލޮޓީގެ ޝަކުވާއެއް ނެތް، ބުނަނީ ތައްޔާރުވާން ވަގުތު ލިބޭ ކަމަށް
 
ސިޓީ މެޗަށް ތައްޔާރުވާން ލިބޭ ނުވަ ދުވަހާ މެދު ވެސް އޭނާ ހިތްހަމަ ޖެހޭ ކަމަށް އަންޗެލޮޓީ ވަނީ ބުނެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުތުމުގެ ކުރިން، މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލުން ސިޓީއާ ދެކޮޅަށް ނިކުންނާނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެވެ. އެ މެޗަށް ނިކުންނައިރު، ޝެޑިއުލް އޮތް ގޮތާ ގުޅޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި ޝެޑިއުލް އޮތީ ވަރަށް ބާރުބޮޑުކޮށް ކަމަށާއި، ތައްޔާރުވާން އެންމެ ބޭނުންވާ މިންވަރަށް ވަގުތު ނުލިބެނީ އެ ސަބަބާ ހުރެ ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ، މިއީ ފުޓުބޯޅަ ކަމަށާއި، ފުޓުބޯޅައިގައި ކަންކަން ދާނީ އެކަހަލަ ގޮތަކަށް ކަމަށެވެ. އަދި ސިޓީ މެޗަށް ތައްޔާރުވާން ލިބޭ ނުވަ ދުވަހާ މެދު ވެސް އޭނާ ހިތްހަމަ ޖެހޭ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނެފައި ވަނީ، ރެއާލަށް އޮތީ ކުޑަ އެޑްވާންޓޭޖެއް ކަމަށާއި، އެކަން ޤަބޫލު ވެސް ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެކަމުގެ ސަބަބުން މެޗަށް އެއްވެސް އަސަރެއް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، މަސައްކަތް ކުރާނީ މޮޅުވާން ކަމަށް ވެސް އަންްޗެލޮޓީ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ރެއާލަށް އެކަށީގެންވާ ވަގުތު އޮތް ކަމަށާއި، މެޗަށް ތައްޔާރު ވާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ.

ރެއާލުން ވަނީ ޗެމްޕިއަންސް ލީގު 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލެގުގައި ރެއާލްގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުމަށްފަހު، ސިޓީގެ ދަނޑުގައި ދެ ވަނަ ލެގުގައި ނިކުންނާނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް