ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 05:33
ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ބަޔާންގެ ކުރީގެ ކޯޗު ނާގަލްސްމަން
ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ބަޔާންގެ ކުރީގެ ކޯޗު ނާގަލްސްމަން
ރޮއިޓާސް
ބަޔާން މިއުނިކް
ބަޔާންގެ ލިސްޓުގައި ނާގަލްސްމަން!
 
މީޑިއާ ތަކުގައި އެހެން ރިޕޯޓުކޮށްފައިވާއިރު، އެކަން ބަޔާނުން ދޮގު ނުކުރޭ

ޖަރުމަނުގެ ބަޔާން މިއުނިކުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި، އެ ކުލަބުގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބަޔާންގެ ކޯޗުކަމަށް އުމުރުން 36 އަހަރުގެ ނާގަލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، މިދިޔަ އަހަރު ބަޔާންގެ ކޯޗުކަމުން އޭނާ ވަކި ކުރީ އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ނާގަލްސްމަން ވަކި ކުރުމަށްފަހު ބަޔާންގެ ކޯޗަކަށް ހަމަޖެއްސީ ތޯމަސް ޓުޗެލް އެވެ. ބަޔާނުން ވަކިވިތާ ދުވަސް ކޮޅެއް ފަހުން ނާގަލްސްމަން ވަނީ އަމިއްލަ ޤައުމު، ޖަރުމަނުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން ވެސް ބަޔާނަށް ނަތީޖާ ނުނެރެވި، އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ޓުޗެލް ވަނީ އެ ކުލަބުގެ ކޯޗުކަމުން ވަކިވާން ނިންމައިފަ އެވެ. އެހެންކަމުން، މި ސީޒަން ނިމުމުން ބަޔާންގެ ކޯޗުކަމުން އޭނާ ވަކިވާނެ އެވެ. އެ ނިންމުން ޓުޗެލް ނިންމީ، ބަޔާންގެ އިސްވެރިންނާ ވެސް ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށްފަހު އެވެ.

ބަޔާނުން އަަންނަ ސީޒަނަށް ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު ބަޔާންގެ ލިސްޓުގައި ނާގަލްސްމަންގެ ނަން އޮތް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ބަޔާނުން ދޮގު ކޮށްފައެއް ނުވެ އެވެ. ބަޔާންގެ ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވީ، އެއީ އޭނާ ކުރިން ވެސް ވާހަކަ ދައްކާފައިވާ މައުޟޫއެއް ކަމަށެވެ. އަދި އެއީ އާންމުންގެ މެދުގައި ވަރަށް ޝައުޤުވެރިކަން އޮތް ވާހަކައެއް ކަމަށާއި، ބަޔާނުން ދަނީ ހުރިހާ އޮޕްޝަންތަކެއް ބަލަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރަށް އެބާލް ވިދާޅުވީ، އެއްވެސް މީހެއްގެ ނަމާ ގުޅޭ ގޮތުން އޭނާ ވާހަކަ ނުދައްކާނެ ކަމަށެވެ.

ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ ޖަރުމަނު ލީގާއި، ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މިވަގުތު ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ނާގަލްސްމަން ދާދި ފަހުންް ބުނީ، ބައެއް ކުލަބުތަކުގެ ހުށަހެޅުން ވެސް އޭނާ އަށް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ޔޫރޫ ފުޓުބޯޅަ މުބާރާތާ ހަމައަށް އޭނާ ހުންނަނީ ޖަރުމަނު ޤައުމީ ޓީމުގައި ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއްކޮޅުން ޖަރުމަނު ޤައުމީ ޓީމުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް