ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 00:10
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
މަގޫދޫ އެއަރޕޯޓްގެ މައްސަލަ
މަޖިލީހުގެ މެޖޯރިޓީ ހޯދާ މަގޫދޫ ގައި އެއަރޕޯޓް އެޅުމަށް ގާނޫނީ ގޮތުން މަޖުބޫރުކުރުވާނަން: ޞާލިހު
 
އަމިއްލަފުޅު ކޮއްކޯފުޅު އިންތިޚާބުކުރުމަށް މުޅި ދައުލަތުގެ ހަޒާނާ ރައީސް މުއިއްޒު ބޭނުންކުރައްވާކަމަށް ވިދާޅުވި
 
ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރައީސް ޔާމީން ހިންގަވަމުން ގެންދެވި މަޝްރޫޢުތައް ހުއްޓާނުލާ ކުރިޔަށްގެންދެވި ކަމަށް ރައީސް ޞާލިހު ވިދާޅުވި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީން މެޖޯރިޓީ ހޯދާ ހުއްޓާލާފައިވާ ފ.މަގޫދޫ އެއަރޕޯޓް އެޅުމުގެ މަސައްކަތް، އެއްކޮށް ނިންމުމަށް ގާނޫނީ ގޮތުން މަޖުބޫރުކުރުވާނެކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގަލޮޅުގެ ދެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ތަރާވީހުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަމަލުކުރައްވަމުން އެގެންދަވަނީ ދައުލަތުގެ ވެރިއަކު ކަންކުރައްވާނެ ގޮތަކަށް ނޫންކަމަށެވެ.

ސަރުކާރުތަކަށް ބަދަލުތައް އަންނާނެކަމަށާއި އެހެންނަމަވެސް ސަރުކާރުތަކުން ކުރަން ފައްޓާފައި ހުރި ކަންތައްތަކަކީ ދެން އަންނަ ސަރުކާރަކުން އައިސް ހުއްޓުވާނެ ކަންކަން ނޫންކަމަށެވެ. އެގޮތަށް ކަންކަން ކޮށްގެން ނުވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައި ހުރި މަޝްރޫޢުތަކެއް ހުރިކަމަށާއި އެކަންކަން ކުރިޔަށް ގެންދެވިކަމަށް ވިދާޅުވިއެވެ. އެގޮތުން ހިޔާ ފްލެޓްގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ކޮށް ނިންމިކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކުރައްވާ ކަމަކީ މަގޫދޫގައި އަޅަން ފަށާފައި އޮތް އެއަރޕޯޓެއްގެ މަސައްކަތް ހުއްޓާލާފައި އަމިއްލަފުޅު ކޮއްކޯފުޅު އިންތިޚާބުކުރުމަށް މުޅި ދައުލަތުގެ ހަޒާނާ ހުސްކުރައްވަނީކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. މަގޫދޫ އެއަރޕޯޓް ހުއްޓިފައި އޮތްއޮތުމާއި ގުޅޭގޮތުން ރައީސް ޞާލިހު ވަނީ މަގޫދޫ ރައްޔިތުން މިކަމާއި އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށް އެދިވަޑައިގަންނަވާފައެވެ.

މަގޫދޫ އެއަރޕޯޓް އެޅުމަށް ދައުލަތުގެ ފައިސާއިން އެއޮތީ ގާތްގަނޑަށް 115 މިލިއަން ރުފިޔާ ޚަރަދުކޮށްފައި މިހާރު. 35 ހެކްޓަރު ހިއްކާފައި. ޓަރމިނަލްގެ މަސައްކަތް ފެށިފައި އެހުރީ. ފަޔަރ ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފި. އެވިދާޅުވާ އޭބީސީ ރަންވޭގައި އަޅާނިމި ތާރު ފަތުރާލަން ވެފައި އޮތީ. މިހެން އޮތްކަމެއްގައި ހަމަ އަމިއްލަ ބޭނުމަށްޓަކައި އަމިއްލަ ކޮއްކޮ ހޮވުމަށްޓަކައި އެއޮތީ މުޅި ޕްރޮޖެކްޓް އެހެންތާކަށް ބަދަލުކޮށްފައި. މިކަންކަން ހުއްޓުވަން ޖެހޭ. އަޅުގަނޑު ދަންވާނީ މަގޫދޫ ރައްޔިތުންނަށް ކަންބޮޑުވެވަޑައިނުގަންވާށޭ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީގެ އެހީގައި މަގޫދޫ ގައި އެއަރޕޯޓް އެޅުމަށް ޤާނޫނީ ގޮތުން މަޖުބޫރުކުރުވާނެކަމަށެވެ.

މީގެއިތުރުން ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުގައި އިގްތިޞާދީ އެއްވެސް ޕްލޭނެއްނެތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް