ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 13:54
ލޯކަލް ގަވަމަންޓް މިނިސްޓްރީ، އިމިގްރޭޝަން އަދި ޑީއެންއާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ލޯކަލް ގަވަމަންޓް މިނިސްޓްރީ، އިމިގްރޭޝަން އަދި ޑީއެންއާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕާސްޕޯޓާއި އައިޑީކާޑު ހެދުން
ކޮންމެ ސިޓީއެއްގައި އަދި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސަނީ
 
މިއަދު ރާއްޖޭގެ އެކި ފަރާތްތަކުން ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ފަރާތްތައް ވަރަށް ގިނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި
 
އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ ހުރިހާ ސިޓީއެއްގައި ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް

ދިވެހިރާއްޖޭގެ ކޮންމެ ސިޓީއެއްގައި އަދި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސަން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެކަން އެގޮތަށް ނިންމަވާފައި ވަނީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށް ވުމާ އެކު ޕާސްޕޯޓް ހެއްދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އައިޑީކާޑު ހެއްދުން ވެސް މިހާރަށް ވުރެ ފަސޭހަ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަަމަށާއި އެކަމަށް ބައެއް އަތޮޅުތަކާއި ސިޓީތަކުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ. އެގޮތުން އައިޑީކާޑު ދޫކުރުމުގެ މަސައްކަތް ސިޓީތަކަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ވެސް އަތޮޅު ތެރެއަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ޕާސްޕޯޓްގެ ޚިދުމަތް ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިދާރީ ކަންކަން ވެސް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުން ނެގުމާއި ޕާސްޕޯޓް ސެޓްއަޕް ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން ޕާސްޕޯޓް ހައްދަން މާލެ އަންނަ ކަމަށާއި މިކަމުގެ ސަބަބުން އާއްމުންނަށް ވަރަށް ބޮޑު ލުއިފަސޭހަ އެއް ލިބިގެންދާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
28 މާރޗް 2024 | ބުރާސްފަތި 17:49
ޙިލްމީ
ކުރީގަ އައްޑޫ ސިޓީ ހިތަދޫން އައިޑީ ކާޑުގެ ހުރިހާ ޚިދުމަތެއް ވަގުތުން ލިބޭ މިހާރު އެމެޝިންވެސް މާލެގެންގޮސްފި ދެންކިހިނެއްތޯ ހުރިހާ އަތޮޅެއްގަ ޕާސްޕޯޓު ޚިދުމަތްދޭނީ