ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 10:45
ޔަމަނުގެ ސުޕަރމަރޓްތަކުގެ ބޭރަށް ބަލައިލުމުންވެސް، އެ ޤައުމުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން ތިބީ ފަލަސްޠީނާއެކުގައި ކަން ސާބިތުކޮށްދޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފަލަސްޠީނުގެ ޙައްޤުގައި ޔަމަނުގެ ރައްޔިތުން ވަރެއް ހަމަ ނެތް!
ޔަމަނުގެ ރައްޔިތުންގެ ހިތްތަކާއި، މަގުތަކާއި، ފިހާތަކާއި ވިޔަފާރިތަކުގައިވެސް މިހާރު ދިރެމުން ދަނީ އަލް-އަޤްޞާގެ ރޫޙު
އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 32000 އަށް ވުރެ މައްޗަށް އަރާ

ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަކީ މިއަދު ބައެއް މީހުންނަށް 'ބޮޑުވަރިހަމަ'އަށް ދޫކޮށްލާފައި އޮތް ކަމެއް ފަދައެވެ. ފަލަސްޠީނުގެ ބިންތަކަށް އަތްގަދަކޮށް، އެންމެ ފަހުން އެ ބިންތަކުން ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް ހިންގަން ފެށި ނަސްލު ހޭދައަށް 6 މަސް ދުވަސް ވާން ދާ އިރު، އެކަން ހުއްޓުވުމަކީ ދުނިޔޭގެ ލީޑަރުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް ހީކުރާ ބަޔަކުވެސް އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. ނަމަވެސް، އެއީ އަދި އެކަން އޮންނަން ވީ ގޮތެއް ނޫނެވެ. އެއް ގޮތުން ނުވީއްޔާ އަނެއް ގޮތަކުންވެސް ފަލަސްޠީނުގެ ވާހަކަ، ވަކިން ހާއްސަކޮށް ޣައްޒާގެ ވާހަކަ، ތާ އަބަދުމެހެން އެންމެ އާންމު މީހާގެ ހަނދާނުގައިވެސް ހަރުލާ ވަރު ކުރަން މިއަދު މި ވަނީ މަޖުބޫރުވެފައެވެ.

ފަލަސްޠީނުގެ ބިމަށް ގޮސް، ޣައްޒާއަށް ވަދެ، ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ ކުރެވެން އަދު ނެތެއް ކަމަކު، އަހަރެމެންވެސް މި ތިބީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަން އަންގައިދެވިދާނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. މި ރޮނގުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންދާ އެއް ބަޔަކީ ޔަމަނުގެ ވިޔަފާރިވެރިންނާއި މުދާ އުފައްދާ ފަރާތްތަކޭ ދެންނެވުމުން އެއީ އެހެން ބަޔަކަށް ކުރެވޭ ނާއިންސާފަކަށް ނުވާނެއެވެ. ޔަމަނުގެ ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް، ފަލަސްޠީނާއި، ވަކިން ހާއްސަކޮށް ޣައްޒާގެ ޙާލަތު ހަނދާން ނައްތާލެވޭނެ ގޮތެއް ނެތެވެ. ބޯން ގެންގުޅޭ ފެންފުޅިތައްވެސް ހަނދާން ކޮށްދެނީ ޣައްޒާގެ އަޚުންނާއި އުޚުތުންގެ މަތީންނެވެ.

ޔަމަނުގައި އޮޕަރޭޓްކުރާ ޝަމްލާން ވޯޓަރ ކޮމްޕެނީއަށް ބަލައިލަމާ ހިނގާށެވެ. އެ ކުންފުނީގެ ފެންފުޅިތަކުގެ ލޭބަލް ކީއްކުރަންހެއްޔެވެ، ކުންފުނީގެ ލޯގޯގައިވެސް މިހާރު ދަނީ ފަލަސްޠީނުގެ ދިދަ ބޭނުން ކުރަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި ގުޅިފައި ވާ އެކި ކަހަލަ ރަމްޒުތައް ބޭނުން ކުރަމުންނެވެ.

ޣައްޒާ ހަފުސްކޮށް ފަލަސްޠީނުގެ ރައްޔިތުން މަރާ ހުސްކުރަމުން ދާއިރު، އަހަރެމެން މި ތިބީ އެ އަޚުންނާއި އުޚުތުންނާ އެކުގައި މި ދަނީ އަންގައިދެމުން. މިކަމަށް ޔަމަނުގެ މީހުން ހޭލުންތެރި ކުރުވަމުން. ޔަމަނާއި މުޅި ޢަރަބި ދުނިޔެވެސް ކަންބޮޑުވާ ކަމެއްކަން އަންގައިދެމުން. އަހަރެމެންގެ އުފެއްދުންތަކުގަ މިހާރު މި ދަނީ ފަލަސްޠީނުގެ ދިދަ ބޭނުން ކުރަމުން. އަހަރެމެންގެ އުފެއްދުންތައް، ޔަމަނުގެ ހުރިހާ ޕްރޮވިންސަކުންވެސް ލިބޭނެ. މިކަމުގެ ސަބަބުންވެސް ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުވެއްޖެ. ފަލަސްޠީނުގެ މައްސަލައަށް އާންމުންގެ ބޮޑު ތަރުހީބެއް އެބަ ލިބޭ. ފަލަސްޠީނުގެ ދިދަ ޖަހާލުމަކީވެސް ކަސްޓަމަރުންނަށް ދެވޭ ވަރަށް ބޮޑު މެސެޖެއް. ފަލަސްޠީނު މައްސަލައިގެ މުހިންމުކަން، ކަސްޓަމަރުންނަށް އެބަ އަންގައިދެވޭ. މިކަމުގައި މި ވަގުތު އަހަރެމެންނަށް ކޮށްދެވެން އެންމެ ކުޑަ މިންވަރު މީ.
މުޙައްމަދު ޝަމްސާން؛ ޝަމްލާން ވޯޓަރ ކޮމްޕެނީގެ ކޮލިޓީ އެޝުއަރަންސް އޮފިސަރ

ޔަމަނުގެ ސުޕަރމަރޓްތަކުގެ ބޭރަށް ބަލައިލުމުންވެސް، އެ ޤައުމުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން ތިބީ ފަލަސްޠީނާއެކުގައި ކަން ސާބިތުކޮށްދެއެވެ. ރަމަޟާން މަހާ ދިމާކޮށް އިމާރާތްތައް ޒީނަތްތެރި ކުރުމައިގެން އިސްލާމީ އާބާދުތައް އަވަދިނެތި އުޅުނުއިރު، ޔަމަނުގެ ސުޕަރމަރޓްތަކުގެ ބޭރު ފަރުމާކޮށްފައި ވަނީ އިޒްރޭލާއި، އިޒްރޭލަށް ވާގިދޭ ޤައުމުތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ހަނދާންކޮށްދޭ ފަދަ މޭރުމަކުންނެވެ.

މިކަމުން އެއްޗެއް އަންގައިދޭ ކަމަށް ވަންޏާ އެ އަންގައިދެނީ ޔަމަނުގެ ރައްޔިތުން މި ތިބީ ފަލަސްޠީނުގެ މައްސަލައާއި، ފަލަސްޠީނުގެ ރައްޔިތުންނާ އެކުގަ ކަން. ޔަމަނުގެ މީހުންގެ ހިތުގަ އޮތް އިންތިހާ ލޯބި މި އަންގައިދެނީ. އަސްކަރިއްޔާއިން ޒިންމާ އަދާކޮށްފި. ސަރުކާރުން ކުރަން ޖެހޭ ކަންކަން ކޮށްފި. ދެން އާންމުން މި އިސްނެގީ، ޕޯސްޓަރުތައް ޖަހާ، ފަލަސްޠީނަށް އޮތް ލޯބި އަންގައިދޭން.
ޢަލީ ޢަބްދުﷲ؛ ސަނާގެ ރަށްވެއްސެއް

އެފަދަ އުފެއްދުންތައް ބޮއިކޮޓް ކުރުމަކީ ޔަމަނުގެ ރައްޔިތުންނަށް މިއަދު ލިބޭ ފަޚްރެއް ކަމަށް ވަނީ ވެފައެވެ. ބައެއް މީހުން ތިބީ ދަރިންގެ ނަން ބަދަލު ކުރަންވެސް ތައްޔާރަށެވެ.

ޔަމަނުގެ ރައްޔިތުންގެ ހިތްތަކާއި، މަގުތަކާއި، ފިހާތަކާއި ވިޔަފާރިތަކުގައިވެސް މިހާރު ދިރެމުން ދަނީ އަލް-އަޤްޞާގެ ރޫޙު. އިޒްރޭލު ބޮއިކޮޓް ކުރުމުގެ ރޫޙު. މީ އަހަރެމެން ވަރަށް ފަޚްރުވެރިވާ ކަމެއް. މީ ވަރަށް ފުރިހަމަ ފިޔަވަޅެއް. މި ކަމައިގެން ހުރިހާ އެންމެންވެސް ކުރިއަށް ދާން އަހަރެމެން އެންމެންނަށްވެސް އެބަ ގޮވާލަން. އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ނަން ބަދަލު ކުރެވޭނަމަ، އެ ކަހަލަ ނަންނަމަށް، ނަންވެސް ބަދަލުކުރީމުސް.
ޢަބްދުލްޤުއްދޫސް އަލް-ކާތިބު؛ ވަތަނިއްޔާ ޔުނިވަރސިޓީގެ ޕީއާރް މެނޭޖަރ

ބޭރުތެރެއަށް ނުކުމެ އުޅޭއިރު ކޮންމެވެސް ސިފައެއްގައި ފަލަސްޠީނުގެ ދިދަ ރަމްޒުކޮށްދިނުމަކީވެސް މިއަދު، އެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ކޮށްދެވޭ ހާދަ ބޮޑު ކަމެކެވެ.

އަހަރެމެންގެ އުފެއްދުންތަކުގަ މިކަހަލަ ޝިޢާރުތަކާއި ފަލަސްޠީނުގެ ދިދަތައް ޖަހާލާ، މޭމަތީގައްޔާއި، މޫނުމަތީގަ ދިދަތައް ކުރަހާލުމަކީ އަހަރެމެންނަށް ކޮށްދެވޭނެ ކުޑަކުޑަ ކަމެއް، ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި. މި ލާއިންސާނީ ގަތުލުއާންމަށް ދުނިޔޭގެ ގައުމުތައް އޮތީ ހިމޭން ވެފަ. އަންހެނުންނާއި ކުޑަކުދިން ގަތުލު ކުރަމުންދާއިރުވެސް. ބަހުގެ ކޮންމެ މާނައަކަށް ބެއްޔަސް، މީ ހަމަ ގަތުލުއާންމެއް. އިންސާނިއްޔަތު ކަމުގެ ރޫޙުގެ ކަންފުޅެއްވެސް ނެތީ.
ޤާސިމް އަލް-ރައިމީ؛ ސަނާގެ ރަށްވެއްސެއް

އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 32000 އަށް ވުރެ މައްޗަށް އަރައެވެ. ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ މުޅި އާބާދީހެން މިއަދު އޮތީ ރެފިއުޖީންނަށް ވެފައެވެ. ބަނޑަށް ޖެހިފައެވެ. އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް މަހްރޫމުކޮށްފައެވެ. އެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، އަހަރެމެން ދިވެހިންނަށް، އިސްލާމީ ޤައުމެއްގެ ފަރުދުންގެ ގޮތުގައި ކޮށްދެވެނީ ކޮން ކަމެއް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް