އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑާއެކު، އެމެރިކާގެ ލޮސް އެންޖަލިސް އަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ޖިރޫޑް އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް މިލާނާ އެކު ޖިރޫޑް ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރާނެ ކަމަށް ނުބެލެ އެވެ. އޭގެ ބަދަލުގައި އޭނާ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް މީޑިއާތަކުން އޮތީ މީގެ ކުރިން ވެސް ރިޕޯޓުކޮށްފަ އެވެ.
މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަަލިސް އިން ވަނީ، މީގެ ކުރިން ޖިރޫޑް ހޯދުމަށް އެދި ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެ ކުލަބުން ޖިރޫޑް އަށް ހުށަހެޅީ މިލާންގެ އެއްބަސްވުން ހަމަވުމުން، ހިލޭ އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ބަދަލުވުމަށެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މިހާރު ލޮސް އެންޖަލިސް އަށް ވަނީ ޖިރޫޑާއެކު އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިފަ އެވެ. ލޮސް އެންޖަލިސް އާއެކު ޖިރޫޑު ސޮއި ކުރާނީ އެއް އަހަރާ ބައިގެ އެއްބަސްވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ލޮސް އެންޖަލިސް އަށް ޖިރޫޑް ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅަނީ، ފްރާންސް ޤައުމީ ޓީމުގައި އޭނާ އާއެކު ކުޅުނު، ފްރާންސްގެ ކުރީގެ ކެޕްޓަން ހޫގޯ ލޮރިސް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ލޮރިސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޓޮޓެންހަމް ދޫކޮށް ލޮރިސް ލޮސް އެންޖަލިސް އަށް ބަދަލުވީ މިއަހަރުގެ ކުރީ ކޮޅު އެވެ.
ޖިރޫޑް އަކީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެ ރެކޯޑު އޭނާ ހޯދީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުންނެވެ. 2011 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ޖިރޫޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 131 މެޗު ކުޅެދީ، 57 ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 21-2020 ވަަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.