ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 05:38
އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ރޮއިޓާސް
އިންޓަ މިއާމީ
ރިޓަޔާކުރުމާއި އުމުރާ ގުޅުމެއް ނޯންނާނެ: މެސީ
 
ރިޓަޔާ ކުރުމުގެ ވިސްނުމެއް މިވަގުތަށް ނެތް ކަމަށް ދޭހަވާ މޭރުމަކުން ވެސް މެސީ ވަނީ ވާހަކަ ދައްކައިފައި

ފުޓުބޯޅަ އިން ރިޓަޔާ ކުރުމާއި، އުމުރާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ މެސީ މިހެން ބުނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުރިން މެސީ ރިޓަޔާ ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، އިންޓަ މިއާމީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ ބުނީ، މިހާރު އޭނާ ދައްކަމުން އަންނަ ކުޅުން ނުދެއްކި، ފުޓުބޯޅައިގެ އުފާ އޭނާ އަށް ހާސިލު ނުކުރެވޭނެކަން އެނގި އަދި އޭނާ ކުޅެމުން އަންނަ ޓީމަށް އެހީތެރިކަން ނުދެވޭނެކަން އެނގުމުން ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ.

އޭނާގެ ރިޓަޔާމަންޓާ ގުޅޭ ގޮތުން މެސީ ބުނީ، އެކަމާ އޭނާގެ އުމުރާ އެއްވެސް ވަރަކަށް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި ޚާއްސަކޮށް ފުޓުބޯޅަ ކުޅުގައި ދެމިހުރުން ރަނގަޅު ކަމަށް އޭނާ އަށް ޤަބޫލުކުރެވޭ ހިނދެއްގައި، ކުޅުމުގައި ދެމި ހުންނާނެ ކަމަށެވެ. އެހެންކަމުން ރިޓަޔާ ކުރުމުގެ ވިސްނުމެއް މިވަގުތަށް ނެތް ކަމަށް ދޭހަވާ މޭރުމަކުން މެސީ ވަނީ ވާހަކަ ދައްކައިފަ އެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި މެސީ މިހާތަނަށް ކުޅުނީ ތިން ކުލަބަކަށެވެ. އެއީ ބާސެލޯނާގެ އިތުރުން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި މިހާރުގެ ކުލަބު އިންޓަ މިއާމީ އެވެ. އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މެސީ ވަނީ، ފުޓުބޯޅައިގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް މެސީ އެވެ. ކުލަބުތަކާއި، ޤައުމީ ޓީމުގެ އިތުރުން، މެސީ ވަނީ އިންޑިވިޖުއަލް ގިނަ އެވޯޑުތަކެއް ވެސް ހާސިލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް