ކ. މާލެ
|
27 މާރޗް 2024 | ބުދަ 18:48
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
ނިލަންދޫގެ އެއަރޕޯޓު ތަރައްގީ ކުރުން
ނިލަންދޫގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މިމަޝްރޫއުގެ އަގު ހާމަކޮށްފައިނުވޭ
ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަސްތެރޭގައި ނިންމާ ގޮތަށް

ފ.ނިލަންދޫގައި އެއަރޕޯޓެއް ތަރައްގީ ކުރުމުގެ ގޮތުން މި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

ބުދަދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

390 ދުވަސްތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރި ނަމަވެސް މިމަޝްރޫއުގެ އަގު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކާއި ރިސޯޓުތަކުން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

މި އަހަރުގެ ބަޖެޓުގައި ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުން ވަނީ ހިމަނާފައެވެ. ނަމަވެސް އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ ބަޖެޓުކޮށްފައެއް ނުވެއެވެ.

- ކޮމެންޓް