ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހިނގަމުންދާ އަދި އަލަށް ފެށޭ މަޝްރޫޢުތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކުރުމާ އެކުގައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމާ ގުޅިގެން އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 1،800 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމާއެކު، ޓެކްސީވޭ، އޭޕްރަން އަދި ފަޔަރޕެޑް އަޅައި، ޕެސެންޖަރ ޓާމިނަލެއް އިމާރާތްކުރުން ހިމެނެއެވެ. މީގެއިތުރުން ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެ އެވެ. ޖެޓް މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކުރެވޭ މި އެއާޕޯޓުގައި 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރުގެ ހިލަ ރިވެޓްމަންޓާއި 1،400 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ވެސް ޖަހާނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ކަންކަން ކުރައްވަނީ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންނެވެ. އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޓީސީސީއަށް ހަމައެކަނި މި މަސައްކަތް ކުރަން ޖެހުނުނަމަ، ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކަކީ ހިތުގެ އަޑިން ވެވަޑައިގަންނަވާ ވައުދުތަކެއް ކަމަށެވެ.
މަގޫދޫ އެއަރޕޯޓު 1 އަހަރު ތެރޭގައި ނިންމަން ވިދާޅުވި އިރު މަގޫދޫ އާއި ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.